ޓެކްސީތައް ދެން މައިތިރިކުރާނީ މީޓަރުން!

ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ދައްކުވައިދޭ ގްރެފިކަލް ވީޑިއޯއެއް -- އަހުމަދު މާނިޝް | އަވަސް

ގައުމުތަކަށް ގޮސް ޓެކްސީތަކުގައި ދަތުރު ކުރެވިއްޖެ އެވެ. އެ ގައުމުތަކުގައި ގުޅައިގެން ޓެކްސީ ލިބެއެވެ. މޮބައިލް އެޕްލިކޭޝަންތަކުން ޓެކްސީ ހޯދެ އެވެ. މަގުމަތިން އަތް އުފުލައިގެން ވެސް ޓެކްސީ ލިބެ އެވެ. އެ ގައުމުތަކުގެ ޓެކްސީއަށް އަރާ މީހާ، ޑްރައިވަރުން ބަލައިގަންނަނީ މެހުމާނެއްގެ ގޮތުގަ އެވެ. މަރުހަބާ ކިޔާނީ އުފަލާއި ހިނިތުންވުމުގެ މޫނަކާއެކުގަ އެވެ.

ޓެކްސީއަށް އަރާ ތަނުން މޫނު ފޮހޭނެ "ތެތް ތުވާލި" ނުދިނަސް ޓެކްސީއަށް އަރާ މީހާ ފައިބާނީ މޫނުމަތި ފިނި ކޮށެވެ. އެކަމަކު ރާއްޖެ މުޅިން ތަފާތެވެ. ޓެކްސީތަކަށް އަރާއިރު ހުންނާނީ ސިޔާސީ ކޮންމެ ވެސް އެއްޗެއް އަޅުވާފަ އެވެ. ގިނަ ޑްރައިވަރުންގެ ވިސްނުން ހުންނަނީ މިގޮތަށެވެ. "މިއީ މަގޭ ކާރެވެ. މި ކާރުގައި ޖަހާނީ މަ ބޭނުންވާ އެއްޗެކެވެ." ރާއްޖޭގައި ޓެކްސީ މައްސަލަތައް ހައްލެއް ނުވެއެވެ. އަގު ބޮޑު ކުރުން ނޫން ކަމެއް ނުކުރެ އެވެ. ސުވާލަކީ މި ހިދުމަތް ރަނގަޅު ކުރަން ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ މިހާރު އިވެނީ މީޓަރު އަޅުވާ ވާހަކައެވެ. މީޓަރަކީ ޓެކްސީގެ މައިތިރި ހެއްޔެވެ؟

"ގިނަ ގައުމުތަކުގައި ބޭނުންވާ ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ޓެކްސީ ލިބޭނެ. އެޕްލިކޭޝަންތައް ހުރޭ. އެ މިހާރު ބޭނުން ކުރަނީ. އެކަމަކު އަދިވެސް ރާއްޖޭގައި ޖެހެނީ ފޯނު ކުރަން. މި ހިދުމަތުގެ ފެންވަރު ރަނގަޅެއް ނުކުރޭ،" ދުނިޔޭގެ ގިނަ ގައުމުތަކަށް ކޮންމެ އަހަރަކު ދަތުރުކުރާ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ރާއްޖޭގެ ޓެކްސީ ހިދުމަތުގެ ފެންވަރު ސިފަކޮށް ދެއްވި އެވެ.

ރާއްޖޭގައި ޓެކްސީ ހިދުމަތް އިބްރާހިމް ނާސިރުގެ ދުވަސްވަރު ވެސް ދިނެވެ. ނަމަވެސް މި ހިދުމަތުގެ އަގުތަކަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގަ އެވެ. މި މުއްދަތުގެތެރޭ ހިދުމަތުގެ ފެންވަރު ރަނގަޅު ނުވި ނަމަވެސް އަގު ވަނީ ބޮޑުކޮށްފަ އެވެ. އެންމެ ކުރިން ޓެކްސީ ދަތުރެއް ކުރީ 5ރ. އަށެވެ. ދެން ޓެކްސީ ދަތުރެއް 10ރ. އަށެވެ. އޭގެ ފަހުން ޓެކްސީ ދަތުރުގެ އަގު 15ރ. އަށެވެ. އޭގެ ފަހުން 25ރ. އަށް ބަދަލުވީ އެވެ. ދެން އޮންނަ ފީއަކީ ޑިކީއަށް އަރުވާ ދާގީނާއަށް ނަގާ ޗާޖެވެ. އެއްގޮތަކުން އަގު ބޮޑުވުން މައްސަލައެއް ނޫނޭ ބުނެވިދާނެ އެވެ. ނަމަވެސް މައްސަލައަކީ ހިދުމަތް ރަނގަޅު ނުވުމެވެ. މި އަގުގެ މައްސަލަ އެންމެ ބޮޑު ވެގެން ގޮސްފައި ވަނީ މިވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގަ އެވެ.

އަގު ބޮޑު ކުރުމުގެ އިތުރުން ޓެކްސީ ހިދުމަތް ރަނގަޅު ކުރަން ސަރުކާރުން ކުރާ ކޮންމެ މަސައްކަތެއް "ފެއިލް" ކޮށްލަނީ "ބޯހަރު ޑްރައިވަރުން" ނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަތުރުމަތިން އިތުރު ދަތުރުތައް ނެގުން ހުއްޓުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ޓެކްސީގައި އިންނަ މީހާގެ ކައިރީ އެހުމެއް ނެތި، ފަހަތު ޝީޓަށް މީހުން އަރުވަން ފެށީ އެވެ. މިކަން ކުރަން ފެށުމާއެކު ހެންވޭރުން މާފަންނަށް ކާރު އަންނައިރު ޑްރައިވަރު އޮންނަނީ 75ރ. ޔަގީންކޮށްފަ އެވެ.

ހިދުމަތް ރަނގަޅު ނުކޮށް، ކުރަނީ އަގު ބޮޑު!

ޓެކްސީ ރަނގަޅު ކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވަން ޓެކްސީ ދުއްވާ މީހުން ވެސް ފިޔަވަޅު އަޅައި ފެނިގެން ދިޔައީ ދަތުރުމަތިން އިތުރު ދަތުރުތައް ނަގަން ފެށިތަނެވެ. ޓެކްސީގައި އިންނަ މީހާގެ ގާތުގައި އާހާލުމެއް ވެސް ނެތި ފަހަތު ޝީޓަށް މީހުން އަރުވަން ފެށީ އެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން "މޮބައިލް އެޕްލިކޭޝަން" އެއް ބޭނުންކޮށްގެން ވެސް މި ހިދުމަތް ދެވޭތޯ ސަރުކާރުން ވަނީ މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުން ގެންދާ "ޓެކްސީ ގަވާއިދު" ބުނާ ގޮތުން 24 ގަޑިއިރު ޓެކްސީގެ ހިދުމަތް ދޭންޖެހެ އެވެ. އަދި މޮބައިލް އެޕްލިކޭޝަން ވެސް ބޭނުން ކުރެވޭ ގޮތަށް އޮވެ އެވެ. ނަމަވެސް އެކަން ކުރަން ސަރުކާރުން ކުރި މަސައްކަތް ޑްރައިވަރުން ރާވައިގެން ފެއިލްކޮށްލީ އެވެ.

ޓެކްސީ ޑްރައިވަރުން ހިތުހުރި ގޮތަކަކަށް ހިދުމަތް ދެމުންދަނިކޮށް ހުޅުމާލެ ބްރިޖު އެޅުމާއެކު، މިކަން ވެގެން ދިޔައީ ޑްރައިވަރުންނަށް ރަނުގެ ފުރުސަތަކަށެވެ. ދެން ފެނިގެން ދިޔައީ މާލެއިން ހުޅުމާލެ އަށް 100ރ. ނަގަން ފެށި ތަނެވެ. އެހެންވެ، މިދިޔަ ސަރުކާރުން ވަނީ ހުޅުމާލެ އަށް ކުރެވޭ ދަތުރުތަކުގެ އަގު 40ރ. އަށް ކުޑަކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެއަށް ދާން 40ރ. ނަގަން މަސައްކަތް ކޮށްފަ އެވެ.

ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅަކު ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވީ ޓެކްސީގެ އަގު 40ރ. އަށް ހަމަޖެއްސީ ޓެކްސީ ސެންޓަރުތަކާ ވާހަކަ ދައްކައި އެއްބަސްވެގެނެވެ.

"ޓެކްސީ ސެންޓަރުތައް ހިންގާ މީހުން އެއްބަސްވި އަގެއް މިއީ. މީގައި އޮވޭ ޓެކްސީ ވެރިންނާ ޓެކްސީ ޑްރައިވަރުންގެ ހިޔާލު ތަފާތުވުން ވެސް. އެހެންވެ ނުކުންނަ މައްސަލައެއް ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޮޑު މިނަކީ ގާތްގަނޑަށް ފަސް ކިލޯ މީޓަރެވެ. އަދި ސިނަ މާލެ ބްރިޖުގެ މާލެއާވީ ކޮޅުން ފެށިގެން ބާބެކިއު ހަދާ ސަރަހައްދާ ހަމައަށް ބަލާނަމަ އެއީ ނުވަ ކިލޯ މީޓަރެވެ. ޓެކްސީ ދުއްވާ މީހުން ބުނާ ގޮތުގައި 40ރ. އަކީ ހުޅުމާލެއަށް ދާން ކުޑަ އަގެކެވެ. އެކަމަކު 40ރ. އަށް ހުޅުމާލެއަށް ދަތުރެއް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

މާލޭގައި ގިނަ އަދަދެއްގެ ޓެކްސީ ސެންޓަރުތައް ހުރިއިރު ހުޅުމާލެ އަށް 40ރ. އަށް ދަތުރު ކޮށްދެނީ ހަމައެކަނި ލިވަރީ ޓެކްސީ އެކަންޏެވެ. އެހެން ސެންޓަރަކުން މި އަގުގައި ދަތުރެއް ނުކޮށްދެ އެވެ.

"5656" ޓެކްސީ ދުއްވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ރަމީޒު ވިދާޅުވި ގޮތުގައި ޓެކްސީގެ އަގު ބިނާ ވެގެން ދަނީ ހަމައެކަނި މަގަށް އެކަންޏެއް ނޫނެވެ. ބާރަށް ދުއްވަން ޖެހުމަކީ ވެސް ހަރަދު ބޮޑު ވެގެންދާނެ ކަމެކެވެ. އެހެންވެ 40ރ. އަށް ޓެކްސީ ކުރުމަކީ ކުޑަ އަގެކެވެ.

ފުލުހުން ޓެކްސީތައް ބަަލައި ފާސް ކުރަނީ

"ބާރަށް އުޅަނދު ދުއްވާނަމަ އަނދާ ތެލުގެ ހަރަދު ބޮޑުތަން އިތުރުވޭ. އަދި މީގައި އެބައޮތް ގިނަ މީހުންނަށް ނޭނގޭ ކަމެއް ވެސް ތާރު މަގުތަކުގައި ޓެކްސީ ދުއްވީމަ ޓަޔަރު ގޭނޭ. އެހެންވެ ކުރިން ހަ މަހުން ބަދަލު ކުރަން ޖެހޭ ޓަޔަރު މިހާރު ތިން މަހުން އެބަޖެހޭ ބަދަލު ކުރަން. އެ ވެސް މި ލިބެނީ 1،400ރ. ވަރަށް،" ހަސަން ވިދާޅުވި އެވެ.

އެހެން ޑްރައިވަރަކު ބުނި ގޮތުގައި އެމްޓީސީސީ ޕްރައިވެޓް ހަޔާއިން ހުޅުމާލެ އަށް މީހުން ގެންގޮސް ދެނީ 150ރ. އާއި 300ރ. އަށެވެ. އަދި ޕިކަޕު ދަތުރުތަކުގެ އަގު ބޮޑު ކުރިއިރު އެވާހަކައެއް ވެއް ނުދައްކަ އެވެ.

"ޕިކަޕުން ކުނި އުކައިލައި ދެނީ 300ރ. އަށް. ކުރިން އާދައިގެ ޕިކަޕަކުން މި ނަގަނީ 40ރ. މިހާރު އަގު ބޮޑުކޮށްފަ މިވަނީ 50ރ. އަށް. މި ވާހަކައެއް ނުދައްކަ އެކަކުވެސް. ދެން ބަހުގައި ހުޅުމާލެއަށް ދެެވެނީ 10ރ. އަށް. އާއިލާއެއްކޮށް ދާނަމަ ގިނައިން ދާނެ. މި އެންމެންވެސް މި ދައްކަނީ ހަމައެކަނި ޓެކްސީގެ ވާހަކަ،" ޑްރައިވަރަކު ބުންޏެވެ.

ހިދުމަތް ރަނގަޅު ނުކޮށްދޭ ޓެކްސީ ހިދުމަތުން ޑްރައިވަރުން ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. މި ދަތުރުތަކުން އާއްމު ގޮތެއްގައި މަހެއްގެ މައްޗަށް 18،000ރ. އާއި 72،000ރ. އާ ދެމެދުގެ އާމްދަނީއެއް އެމީހުން ހޯދަ އެވެ. މިވަރު މަދު ހެއްޔެވެ؟

އާއްމުކޮށް ދިވެހިންގެ މުސާރައިގެ އޮނިގަނޑު އުޅެނީ މަހަކު 4،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. ސިވިލް ސާވިސްއަށް ބަލާނަމަ 8،000ރ. ލިބޭ މީހުން ގިނަވާނެ އެވެ. އެހެންވެ މި އާމްދަނީއަކީ ނިސްބަތުން ބަލާއިރު ބޮޑު އެއްޗެއްގެ ގޮތުގައި ބުނެވިދާނެ އެވެ. މި ހިދުމަތް ރަނގަޅު ނުކޮށް ބޮޑު އަގު ނެގުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ހަގީގީ މައްސަލައަކީ ސަރުކާރުތައް!

ޓެކްސީ ތަކަށް ދިވެހިންގެ ޖީބު ހިތަކަށް ލިބުނީ ސަރުކާރުތަކުގެ ސަބަބުންނެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ވެރިރަށް މާލޭގައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށް ނުދެވުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު އެމްވީކޭއާ ހަވާލު ކޮށްގެން ބަހުގެ ހިދުމަތް ފެށުން ނޫން ކަމެއް ސަރުކާރަކުން ނުކުރެ އެވެ. ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ނެތުމުގެ ނަތީޖާއަކީ ޓެކްސީއަށް އެރުން ނޫން ޗޮއިސް އެއް ދިވެހިންނަށް ނެތުމެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ޕްރައިވެޓް ކާރާއި ސައިކަލް ނުދުއްވަނީ ފައިސާ ނެތިގެނެއް ނޫނެވެ. އަދި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ނިޒާމުތައް ނެތީއެއް ވެސް ނޫނެވެ. އެ ގައުމުތަކުގައި އެފަދަ އެއްޗިހި ނެގުމުގެ ބޭނުންނެތީ އެވެ. އެ ގައުމުތަކުގައި ބަރާބަރު ސުންސިކުންތައް ދަތުރުކުރާ ދަތުރުފަތުގެ ނިޒާމުތައް ހުރެ އެވެ. ބަސް ދުއްވަ އެވެ. ރާއްޖެއަށް ޖެހިފައިވާ މައްސަލައަކީ އެފަދަ އެފިޝެންޓް ނިޒާމެއް ނެތުމެވެ.

މާހިރުން ބުރަވަނީ ޓެކްސީ މީޓަރަށް

ޓެކްސީ މީޓަރަކީ ދުނިޔޭގެ ގިނަ ޓެކްސީ ނިޒާމުތަކުގައި ބޭނުންކުރާ "ބެސްޓް ޕްރެކްޓިސް" އެވެ. ދުނިޔޭގެ އެންމެ ރަނގަޅު ޓެކްސީ ނިޒާމުތައް އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އޮންނަނީ މި ނިޒާމެވެ. ރާއްޖޭގެ ޓެކްސީގައި މީޓަރު އެޅުވުމަކީ ހައްލަކަށްވާނެ ބާއެވެ؟

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މާލެއަށް އިތުރު ޓެކްސީ ބޭނުންވެ އެވެ. މިހާރު މާލޭގައި ދުއްވަނީ 600 ޓެކްސީ އެވެ. ނަމަވެސް މިހާރު މާލެ އާއި ހުޅުމާލެ ގުޅިފައިވާތީ ޓެކްސީގެ އަދަދު އިތުރު ކުރުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މާހިރުން ގަބޫލު ކުރައްވަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންކަން ކުރިން ކުރެއްވި އަބްދު ރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ޓެކްސީތަކެއްގައި މީޓަރު ހަރުކުރަން ޖެހެ އެވެ. ނިމިދިޔަ ސަރުކާރުގެ ތެރޭގައި ވެސް އެކަން ކުރަން މަސައްކަތް ކުރެވުނު ކަމަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"ކިލޯ މީޓަރަކަށް ވަކިވަރެއް އަރާގޮތަށް މީޓަރު ހުންނަން ވާނީ. މިސާލަކަށް 20ރ. އިން މީޓަރު ފެށިދާނެ. މިހެން ހެދުމުން ދެ ފަރާތަށް ވެސް ފައިދާ. ހަމަޖެއްސުމުން މަޑުކޮށްގެން ތިބޭނަމަ ވެއިޓިން ޗާޖެއް ވެސް އަރާނެ. މި ނިޒާމު ރާއްޖެއަށް ގެންނަން ޖެހޭނީ މިހާރު،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު އަޅުވާނަމަ ވެހިކަލް މަދުކުރަން ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކިލޯ މީޓަރަކަށް ވަކިވަރެއް އަރާގޮތަށް މީޓަރު ހުންނަން ވާނީ. މިސާލަކަށް 20ރ. އިން މީޓަރު ފެށިދާނެ. މިހެން ހެދުމުން ދެ ފަރާތައް ވެސް ފައިދާ. ހަމަޖެއްސުމުން މަޑުކޮށްގެން ތިބޭނަމަ ވެއިޓިން ޗާޖެއް ވެސް އަރާނެ. މި ނިޒާމު ރާއްޖެ އަށް ގެންނަން ޖެހެނީ މިހާރު
އަބްދުރަޝީދު ނާފިޒު | ޓްރާންސްޕޯޓް އޮތޯރިޓީގެ ކުރީގެ ޗެއާމަން

"ސައިކަލް މަދު ކުރަންވީ. އޭރުންތާ މަގުން ޖާގަ ލިބޭނީ. މިހާރު އެބައުޅޭ މަގުމަތީގައި ހަމައެކަނި 90،000 އަށްވުރެ ގިނަ ސައިކަލް. ކާރު މި އުޅެނީ 5،000 ވަރު. އެހެންވީމަ ސައިކަލް އިތުރުވުން އެބަޖެހޭ މަދު ކުރެވެން،" ނާފިޒު ވިދާޅުވި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވި ގޮތުގައި މީޓަރު ޓެކްސީއަކީ ހަމައެކަނި އޮތް ހައްލެވެ.

"ބްރިޖު އެޅި ހިސާބުން މިވަނީ ހާލަތު ބަދަލުވެފަ. އެހެންވެ މިހާރު މި ގެންނަން ޖެހެނީ ޓެކްސީގައި މީޓަރު ހަރުކުރުން. މިއީ ދެ ފަރާތައް ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ކުރެވެނީ،" އާދިލް ވިދާޅުވި އެވެ.

ކޮންމެއަކަސް ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ މީޓަރަކަށެވެ. ނަމަވެސް ސުވާލަކީ މީޓަރަކުން ބޯ ހަރުވެފައި ތިބި ޑްރައިވަރުންނާއި އެމީހުންގެ ޓެކްސީތައް މައިތިރި ކުރެވޭނެ ހެއްޔެވެ؟ މީޓަރު އަޅުވައިގެން ނަމަވެސް މި ހިދުމަތް ޒަމާނީކޮށް ފުރިހަމަ ކުރަން އެބަޖެހެ އެވެ.