ރިޕޯޓް

"ކާރުއަނިޔާ" ނުބެލި ބުރަކި ޖެހިފައި!

މި ކުރަނީ ސުވާލެކެވެ؛ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ތަފާތު ކުރުމެއް ނެތި އެކި ދާއިރާތަކުގައި ކުރި އެރޭނެކަން ސާބިތުކޮށް ދޭން ބޭނުންވާ މީހުންނާއި ޒުވާނުންނާއި ސަރުކާރުގެ އިދާރާތައް އަދި ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށެވެ. ރާއްޖޭގައި ހުރި ހަމަ އެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ ކާންބޯން ކުރާ މަސައްކަތް މިނިވަން ކަމާއެކު ކުރުމުގެ ފުރުސަތު ހޯދައި ދެވިދާނެ ހެއްޔެވެ؟ އެއްވެސް ޖެހިލުމެއް ނެތި މާލެ މަގުތަކުގައި ޓެކްސީ ދުއްވާލެވޭނެ ޖާގަ ދެވޭނެ ހެއްޔެވެ؟ ބިރެއް ނެތި ޓެކްސީ ޕާކްކޮށް އެދުވަހަށް ލިބުނު ފައިސާ ހިފައިގެން ގެއަަށް ދެވޭނެ ހެއްޔެވެ؟ މި ސުވާލު ތަކުގެ ޖަވާބު އޭނާ އެބަ ބޭނުންވެ އެވެ. ޓެކްސީން ފައިބަން ނުޖެހޭނެ ކަމުގެ އުއްމީދު އޭނާގެ އަދިވެސް އޮތީމަ އެވެ.

މިދިޔަ ހަފުތާ އެއްކޮށް އެއް ވާހަކަ އަކަށް ދެކެވުނީ އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ފަސް ވަނަ ފަހަރަށް ހަމަލަ ދިން ކަމަށް ކުރި ތުހުމަތެވެ. ފޮޓޯ އާއެކު އައިންތު ކުރި ޕޯސްޓާއި އެންމެން އޭނާގެ ހިތްވަރަށް ކުރި މެސެޖުތަކެވެެ.

ދެހާސް ސަތާރަ ވަނަ އަހަރު ޓެކްސީ ކުރަން ފެށި އައިންތު ދުއްވާ ކާރަށް ގެއްލުން ދިން މިއީ ފަސް ވަނަ ފަހަރެވެ. އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ގޮސް އަހަރީ ކަމަކަށް އެކަން ވެފައި ވެއެވެ. ޓެކްސީ ޕާކު ކޮށްފައި އޮއްވާ އައިސް ކާރުގެ ވިންޑް ސްކްރީން ތަޅާލަނީ އެވެ. ނޫނީ ފަހަތު ބިއްލޫރިގަނޑު ތަޅާލަން އެއްޗަކުން ޖަހައި ފުނޑުފުނޑު ކޮށްލަނީ އެވެ. މަރާމާތަށް ކުރަން ޖެހޭ ހުރިިހާ ހަރަަދެއް އައިންތު އަަށެވެ. ބޭނުމަކީ އެއީ އެވެ.

އައިންތު ބުނާ ގޮތުގައި، ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރަަށް، އިންޖީނު ވަގަށް ނެގުމާއި ފުރޮޅުގައި ކަޓަރު އެޅުން ކަހަލަ ކަންކަން ވެސް މިހާރު ކުރެ އެވެ. ކާރު ދުއްވަން ފެށިތާ އަހަރެއް ވީ ފަހުން، 2018 އިގެ ކުރީކޮޅު ކާރުގެ ކުރީ ވިންޑްސްކްރީނު ތަޅާލި އެވެ. އެއަހަރު ފަހުކޮޅު ވެސް ހަމަ އެކަހަލަ ހަމަލާ އެކެވެ. އެ ފަހުން މިދިޔަ އަހަރާއި މި އަހަރު ތިން ފަހަރަށެވެ. ކާރުގެ ކުރީ ބިއްލޫރި ގަނޑާއި ފަހަތު ބިއްލޫރިގަނޑު އެކީ ދުއްވާލި އެވެ. އޭގެ ތެރެއިން އެއް ހަމަލާ އަކީ ކަސްޓަމަރުން ތިިއްބާ ދިން ހަމަލާ އެކެވެ.

އޭގެ ގިނަ ހަމަލާތަކުގެ ތުހުމަތު އަައިންތު ކުރަނީ އޭނާގެ ކުރީގެ ފިރިމީހާ އަށެވެ. އެމީހާ އާއެކު އައިންތުއަށް ނޫޅެވުނީ ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އަމިއްލައަށް އާމްދަނީއެއް ހޯދަން މަޖުބޫރު ވެގެންނެވެ.

ކޮންމެ ހަމަލާއަކާއެކު އައިންތު ފުލުސް އޮފީހަށް ދެ އެވެ. ގެއްލުން ވީ ގޮތާއި ތުހުމަތު ކުރެވޭ މީހާ ބުނެ ބަޔާން ދެ އެވެ. އެހިސާބުން އެކަން އޮބުނީ އެވެ.

"އެއްވެސް ފަހަރަކު ނުހުންނާނެ ރިޕޯޓު ނުކޮށް. ކޮންމެ ފަަހަރަކު ބަޔާން ނަގަނީ. އޭގެ ފަހުން ހަބަރެއް ނުވޭ. ގުޅާ އެހީމަ ބުނާނެ ހެއްކެއް ނުލިބެ އޭ. އެއް ފަހަރު މައްސަލަ އެއްގައި، އެހެން ބަޔާން ދިން ފަަހަރު ބުނިން ކެމެރާ ވެސް ހުއްޓޭ ކެމެރާ އަށް ވީޑިއޯ އަރާނޭ. އެކަމަކު އެ ވީޑިއޯ އެއް ފެންނަ ގޮތެއް ނުވި"

އައިންތު ބުނި ގޮތުގައި، އެގޮތަށް ހަމަލާ ލިބުނު ފަހަރެއްގައި ބަޔާން ނެގުމަށް ފަހު ހެކި ނެތިގެން ކަމަށް ބުނެ އެ ކޭސް ފައިލް ކުރި އިރު ވެސް އޭނާއަކަށް ނާންގަ އެވެ. އިންވެސްޓިގޭޝަން ކުރިއަށް ނުދާކަން އެނގުނީ ވެސް އެހީމަ އެވެ.
މި ފަސް ފަހަރުގެ ކޭސްތަކާ ގުޅިގެން ފުލުހުން ބަހެއް ހޯދުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސްް ޖަވާބެއް ނުލިބުނެވެ. މައްސަލަތައް ބަލަމުންދާ ކަމެއް ނޫނީ، މައްސަލަ ނުބަލަ ފައިލް ކުރީ ކިތައް މައްސަލަ ކަމެއްވެސް ފުލުހުންގެ ފަރާތުން ސާފުވާގޮތެއް ނުވި އެވެ.

އެންމެ ފަަހުން އައިންތުގެ ޓެކްސީ އަށް ދިން ހަމަލާގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބުނު ކަމަށްވެ އެވެ. އެހެން ނަމަވެސް ފުލުހުން ދެއްކި ވީޑިއޯ އިން އެ ހަމަލާ ދިން މީހާއަކީ ކާކުކަން ނޭނގޭ ކަމަށް އައިންތު ބުންޏެވެ.

ޓެކްސީ ކުރުމުގައި އުޅޭ އިރު އޭނާއާ ދިމާކޮށް ގުޅައި އިންޒާރު ދޭ ދެ ޑްރައިވަރަކު އުޅޭ ކަމަށް އޭނާ ބުނެ އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ. އެ މީހުންނަށް ވެސް އައިންތު ޝައްކުކުރެ އެވެ.

"އެ ދެ މީހުންނަކީ ކުރީގެ ފިރިމީހާގެ ރައްޓެހިން، އެމީހުން އައިންތު ފެންނަ އިރަށް ކުރިއަށް އެރިޔަ ނުދީ ދެން ކުއްލިއަކަށް ހުރަސް ކުރުން ކަހަލަ ކަންކަން ކުރާނެ. ޖެއްސުން ކުރާނީ. އެމީހުންގެ މައްސަލަ ޓްރެފިކް ޕޮލިހަށް ހުށަހެޅީމަ އެމީހުނަށް ނަސޭހަތް ދިން ކަމަށްވޭ،"

މި ހަމަލާ ތަކާއެކު ކާރުގެ މަރާމާތުގެ ހަރަދަށް ކޮންމެ ފަހަރަކު 12،000 އެއްހާ ރުފިޔާ އައިންތުގެ އަތުން ހަރަދުވެ އެވެ. އޭނާ އަށް ކުރިމަތިވަނީ މަަރާމާތަށް ހަރަދުވާ ފައިސާގެ އުނދަގޫ އެކަންޏެއް ނޫނެވެ. ގިނަ ފަހަރު ދުއްވަނީ އެހެން މީހުންގެ ކާރަށް ވުމުން އެމީހުންގެ އިތުބާރުވެސް ގެއްލެ އެވެ.

"ކޮވިޑް އައިފަހުން ތިން މަސް އެކީ އުޅުނިން އެއްވެސް ޓެކްސީ އެއް ނުލިބި. ކާރެއް ހޯދަން މީހަކަށް ގުޅާފަ މިއީ އައިންތު އޭ ބުނާ އިރަށް ބުނާނެ، އައިންތުއަށް ދޭން ބޭނުން ވިޔަސް ދޭކަށް ނުކެރޭނޭ... އެއީ އެމީހުންގެ ވެސް މުދާ ދޯ އެއީ. ހަމަ އަގު ބޮޑުކޮށް ގަނެފައި ހުންނަ އެއްޗެހި އެއީ. އައިންތު ބުނަން ޒިންމާ ނަގާނަމޭ ވެސް. އެކަމަކު ވެސް ވަރަށް އުނދަގޫވޭ ހޯދަން. މިހާރު ގެންގުޅޭ މި ކާރަކީ ވެސް ވަރަށް ގާތް ރައްޓެއްސެއް ވީމަ ލިބުނު އެއްޗެއް. އެހެން ނޫން ނަމަ ނޭނގެ ވާނެ ގޮތެއް ވެސް"

ކާރަށް އަމާޒުކޮށް ތަކުރާރުކޮށް އައިންތުއަށް ގެއްލުން ދިނުމަކީ، ރާއްޖޭގައި ވަޒީފާއެއް އަދާ ކޮށްގެން އާމްދަނީ ހޯދާ ހުރިހާ އަންހެނުންނަށްދޭ ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސިފަ ކުރެ އެވެ. އެކަމާމެދު ކުއްލި މައްސަލަ އެއްވެސް މިދިއަ ހަފްްތާގެ މަޖިލިހަށް ހުށަހެޅި އެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި، އިންސާފު ހޯދުމުގެ ކަންކަމުގައި ގިނައިން ބަހުސް ކުރަައްވާ އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދިނުމަކީ ހާއްސަ ނަޒަރަކުން ބަލަންޖެހޭ މައްސަލަ އެކެވެ.

"މިއީ ޒާތީ ކަމެއްތޯ ނޫނީ މިއީ ހޭޓް ކްރައިމެއްތޯ ބަލާ ހިސާބަށް މިހާރު މިވަނީ ގޮސްފައި. މިއީ ބަޔަސް ކްރައިމެއްތޯ؟" އީވާ ވިދާޅުވި އެވެ.

ވަކި ޖިންސަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވީތީ ހަމަލާ ދިނުމަކީ ހޭޓް ކްރައިމެކެވެ. އެހެންކަމުން އައިންތުއަށް ގެއްލުން ދެނީ އޭނާ އަންހެނަކަށްވެ ހުރެ، ޓެކްސީ ކުރާތީތޯ ބަލަންޖެހެ އެވެ.

އައިންތު ބުނަނީ ދެންވެސް ބަލާ ބަޔަކު މައްސަލަ ބަލާނީ އެވެ. އޭނާއަށް އިންސާފެއް ނުލިބޭނެ އެވެ. އައިންތު ކޮންމެ ދުވަހަކު ކާރު ދަތުރުތައް ހެނދުނު ފަށާ ގޮތަށް ނިމެނީ ރޭގަނޑު އެވެ. އެއީ ބައެއް ގަޑިތަކުގައި އެކަމަކު ބްރޭކް ނަގަމުންނެވެ. ދުވަހުގެ މަސައްކަތް ނިންމާ ޕާކް ކޮށް، އަނެއް ދުވަހު ކާރަށް އަރަން އަންނަންދެން ހުރެވެނީ ސުވާލެއްގަ އެވެ. އޭނާގެ ކާރު އޮންނާނީ ކޮން ހާލަތެއްގައި ހެއްޔެވެ؟