ރިޕޯޓް

"އެއްލަކިން" މާލޭގެ މަގުތަކަށް އިތުރު ނުރައްކަލެއް!

ޒުވާނުންނަށް ހާއްސަކޮށްގެން ކަމަށް ބުނެ، އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން ރޭ މިވަނީ ފަށާފަ އެވެ. ހުރަވީ ބިލްޑިންގެ ތިރީގައި އެ ހަރަކާތް، 9 ޖެހިއިރު ފެށުމުގެ މާ ކުރިން މީހުން ވަނީ އެއްވެފަ އެވެ. ލައިސަންސް ނެގުމަށް ދަމާލި ކިޔޫ، އަމީރު އަހުމަދު މަގުން ފެށިގެންގޮސް ބަނޑޭރި ކޮށްޓާއި ހުކުރު މިސްކިތާވީ ވީ ގޯޅިން ގޮސް މެދުޒިޔާރަތް މަގުން ހުކުރު މިސްކިތަށް ވުރެ މާ ދުރަށް ދެމިގެންގޮސްފައިވެ އެވެ. ތަރުހީބު ވަރަށް ވެސް ރަނގަޅެވެ. މި ފަދަ ޕްރޮގްރާމެއްގެ ބޭނުންތެރިކަން ފެނުނީ ކަމަށް ބުނެވިދާނެ އެވެ.

އެކަމަކު އެތައް ހާސް ބަޔަކު ކުރިމަތިލި މި ހަރަކާތުގެ ދޯހަޅި އިންތިޒާމްތަކުގެ ވާހަކަ ނުދައްކާނަމެވެ. ފުރަން މަޖުބޫރު މައުލޫމާތު ފޯމުގައި، ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ތިމާގެ ވައިބާ ނަންބަރާއި، ވަޓްސްއެޕް ނަންބަރާއި، ގެންގުޅޭ ހުރިހާ ސޯޝަލް މީޑިއާ އައިޑީތައް ލިޔަންޖެހޭ ވާހަކައަކަށް ވުރެ އޭގެ ނަތީޖާ ވާހަކަ ދެއްކުން މާ މުހިންމެވެ. ކިޔޫގައި އެތަކެއް އިރެއް ހޭދަވިފަހުން، ޑްރައިވިންގް ސްކޫލްތަކުން ބައިވެރިވި މީހުން އެހެން ދިމާލަކަށް ދާން ގޮވާލި ވާހަކަ ބާއްވާށެވެ. ހުރަވީ ބިލްޑިންގް ވަށައިގެން ވެހިކަލްތަކާއި މީހުންތައް ކޮންޓްރޯލްނުވެގެން މުޅި ސަރަހައްދު ބްލޮކް ވެގެން ދިޔަ ކަން ވެސް ނުފެންނަ ކަމަށް ހަދަމާ ހިނގާށެވެ. ޓެސްޓް ހަދަންޖެހޭ މީހުންތައް އައިސް، އެއްވެސް ތަރުތީބެއްނެތި، ފޯމުތައް ހިފައިގެން މަގުމަތީގައި ތިބި ޓްރާންސްޕޯޓް އޮފިޝަލުން ވަށާލައި، ވާންވީ ގޮތެއް ނޭނގި ތިބެން ޖެހުމުގެ ވާހަކަ ވެސް ނުދައްކާނަމެވެ. ރައީސް އޮފީސް ސަރަހައްދަކީ ގްރީން ޒޯން އެއްކަން ސިފައިންނަށް ހަނދާންވެގެން، ކުއްލިއަކަށް އެތާ ތިބި އެންމެން އަނެއް ފަރާތަށް ފޮނުވާލަން ޖެހުނު ވާހަކަ ދެއްކޭކަށް ނެތެވެ. ދުއްވާ ޓެސްޓުގައި ރައީސް އޮފީސް ވަށައިގެން އެއް ބުރު ޖަހާ ގޮތަށް ހަމަޖައްސާފައި އޮއްވާ، އެގްޒެމިނަރުންނަށް ވެސް ނޭނގި، އެ މަގުން ދެން ނުދެވޭނެ ކަން ކުއްލިއަކަށް ފުލުހުން އެންގި ވާހަކަ ވެސް ބާއްވަމާ ހިނގާށެވެ. މިއީ އަދި، ދުއްވާ ޓެސްޓުގައި ދިމާވި ހާދިސާތަކުގެ ހައްތަހާވެސް ނުދައްކާން ހުރި ވާހަކަ އެވެ. ހުރަވީ ބިލްޑިންގް މަތީގައި ތިޔަރީ ޓެސްޓުގެ ކަންކަން ދިޔަ ގޮތެއް ނޭނގެ އެވެ. އެހެން ކަމުން، ނޭނގޭ ވާހަކަ ދައްކާކަށް ވެސް ނުވާނެ އެވެ.

މިފަހަރު ދައްކަން މިއުޅެނީ މި ޕްރޮގްރާމްގެ ސަބަބުން މިހާރުވެސް ތޮއްޖެހި، ވެހިކަލްތަކުން ފުރިފައިވާ މާލޭގެ މަގުތަކަށް ދިމާވާނެ އިތުރު ނުރައްކަލެއްގެ ވާހަކަ އެވެ. ޑްރައިވިންގް ޓެސްޓް ހަގީގަތުގައި ފަރުމާކޮށްފައި ހުންނަނީ، ދުއްވާ މީހެއްގެ ރޭހާއި، ބުރަކި ކޮންޓްރޯލް ކުރެވޭ މިންވަރު ދެނަގަނެވޭނެ ގޮތަށެވެ. ހާއްސަކޮށް ދުއްވާ ޓެސްޓް ފެށުމުގެ ގޮތުން އަށެއް އަޅުވަނީ، ހުންގާނު އަނބުރާ އިރު، ދުއްވާ މީހާއަށް އުޅަނދު ކޮންޓްރޯލް ކުރެވޭ މިންވަރު ދެނެގަތުމަށެވެ. ހުރިހާ ގައުމެއްގައި ވެސް ގާތްގަނޑަކަށް އެއް ގޮތަކަށް ޓެސްޓް ހަދަނީ ވެސް ވަކި މިންގަޑެއް ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.

ނަމަވެސް، ރޭ ފެށި މިހަރަކާތުން، މަގުތަކުގައި އުޅޭ އެންމެންނަށް އިތުރު ނުރައްކަލަކާއި ކުރިމަތިލާންޖެހޭނެ އެވެ. ރަނގަޅަށް ދުއްވަން ވެސް ނޭނގޭ އެތަކެއް ސަތޭކަ ބަޔަކު، އިންޖީނުލީ އުޅަނދުތަކުގައި މަގުތަކަށް ނިކުމެވޭނެ ދޮރު ހުޅުވީމަ އެވެ. ބައި ކޮށި ވަށާ ސީދަލަށް ދުއްވާލުމަކުން މީހަކަށް ދުއްވަން އެނގޭ ކަމަށް ބެލޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެވަރަކުން އިންޖީނުލީ އުޅަނދެއްގެ ހުންގާނާއި ރޭސް ކޮންޓްރޯލް ހުރި މިންވަރު ދެނެގަނެވޭނެ ފުރުސަތެއް އެގްޒަމިނަރަކަށް ހަމަ ޔަގީނުންވެސް ނުލިބޭނެ އެވެ. ސައިކަލު ޓެސްޓެކޭ އެއްގޮތަށް ކާރު ދުއްވާ ޓެސްޓުގައި ވެސް، ބަލަން ލާޒިމްވާ ގިނަ ކަންކަމަށް ނުބަލާ ކަމަށްވެ އެވެ.

"އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އިނީ ކުރީ ސީޓުގަ. ފަހަތުގަ އިނީ އެގްޒެމިނަރު. ދުއްވަން އިން މީހާއަށް ގިޔަރު ބަދަލުކުރާކަށް ނޭނގުނު. ހެޑް ލައިޓް ދިއްލަން ނޭނގެ. ރަނގަޅަށް ހުންގާނު އަނބުރަން ވެސް ނޭގެ. އެ މީހާ ބުނީ އަލަށޭ ތިމަންނަ ކާރަކަށް [ދުއްވަން] މިއެރީ. ދެން ކައިރީގަ އިނދެގެން އަޅުގަނޑު ވަރަށް އެހީވެދީގެން ކުއްލި ކުއްލި އަށް ދުއްވީ. އެކަމަކު އޭނަ ވެސް ފާސްވި،" ރާއްޖޭގެ މަޝްހޫރު ޑްރައިވިންގް ސްކޫލެއްގެ އިންސްޓްރަކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކަންބޮޑުވުން ފާޅުކުރި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ނުރައްކަލެއްގެ ކަންބޮޑުވުމަކީ ހަމައެކަނި އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމެއް ނޫން ކަން ރޭގަ ހާމަވެގެން ދިޔަ އެވެ. ދަންވަރު 12 ޖެހި ފަހުން، ހުރަވީ ބިލްޑިންގް ތިރީގައި، މި ޕްރޮގްރާމްގެ ދަށުން ލައިސެންސް ލިބުނު ފަސް ބައިވެރިޔަކަށް ލައިސެންސް ހަވާލުކުރުމުގެ ކުޑަ ރަސްމިއްޔާތެއް ބޭއްވި އެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތައުރީފު އޮއްސަވަމުން، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްކެވި ވާހަކަފުޅުން، ޓްރާންސްޕޯޓާއި ޕޮލިސްގެ ބޭފުޅުންގެ މެދުގައި މި ކަންބޮޑުވުން ހިއްސާކުރެވޭ ކަން ދޭހަވި އެވެ. މި ފަސޭހަ ޕްރޮގްރާމުގެ ދަށުން ލައިސެންސް ލިބުނަސް، ސައިކަލުގައި މަގުތަކަށް ނިކުންނަ އިރު ވަރަށް ބޮޑަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. "ދުއްވަން ފަރިތަވެލާނީ، މަގުތަކަށް ނިކުމެ ދުއްވާލުމުން" ކަމުގައި އަޒްލީން ވިދާޅުވުމުން ދޭހަވަނީ އެންމެ ކަމެކެވެ. މި ޕްރޮގްރާމުގެ ދަށުން ލައިސެންސް ލިބޭ ގިނަ މީހުންގެ ކިބައިގައި، މަގުތަކުގައި ދުއްވުމުގެ ގާބިލުކަން ނެތިދާނެ ކަމުގެ އިންޒާރެވެ. އަޒްލީން ވިދާޅުވި ގޮތުން ނަމަ 6،000 އަށް ވުރެ ގިނަ މީހުން މި ތިން ދުވަހަށް ދެމިގެންދާ ޕްރޮގްރާމުގައި ބައިވެރިވި އެވެ. މީގެ ތެރެއިން ގިނަ މީހުންނަށްް ލައިސެންސް ދޭނެ ކަމަށް ބެލެވެ އެވެ. މި އެންމެންނަކީ "އަސްލު" ދުއްވުމުގެ ޓެސްޓުން ފާސް ވެ، މާލޭގެ ބާރު ބޮޑު މަގުތަކުން ދުއްވުމުގެ ގާބިލްކަން ލިބިގެންވާ މީހުން ކަމުގައި ބެލޭނެ ހަމަ އެއްވެސް ހަމަ އެއް އުސޫލެއް ނެތެވެ.

މިހުރިހާ ތަކުލީފެއް އުފުލަން އާންމުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނަށް ޖެއްސި ބޭނުމެއް ނުވިސްނެ އެވެ. މިގޮތަށް ލައިސަންސް ކާޑަކީ ހަމައެކަނި ޕްލާސްޓިކް ކޮޅަކަށް ހަދަނީނަމަ، ފޯމު ހުށަހެޅި ކޮންމެ މީހަކަށް އައިޑީ ކާޑު ވެސް ދޫކުރާ އުސޫލުން ލައިސަންސް ވެސް ދޫކުރިނަމަ އެންމެންގެ ހަށްޓައް ވެސް ފަސޭހަވީހެވެ. ކޮންމެހެން ނަމެއްގެ ޓެސްޓެއް ހައްދައިގެން، ލައިސަންސް ދޭކަށް އަޅުކަމުގެ މަހެއްގެ ވަގުތުތައް ބޭކާރު ކުރުމުގެ ބޭނުމެއް ނެތެވެ. ހުރަވީ ބިލްޑް ވަށައިގެން ފަސް ގަޑިއިރު ހޭދަކުރުމަށްފަހު، ކާޑު ބަލާ މާދަމާ އަންނާށޭ ބުނުމުން، ހުސް އަތާ ގެއަށް ދާކަށް ނުޖެހުނީސްތާ އެވެ.