ލައިފްސްޓައިލް

ބަންނަ ހެދުމެއް އެބައޮތްތަ؟

ދިވެހިންނަކީ ހެދުން އެޅުމުގައި އަބަދުވެސް އެންމެ ޓްރެންޑިން އެންމެ ޒަމާނީ ހެދުންތަކަށް ލޯބި ކުރާ ބައެކެވެ. ހެދުން އަޅާނީ އެންމެ ފަހުގެ ފެޝަނަށް ބަލައިގެންނެވެ. ދުނިޔޭގައިވެސް މަޝްހޫރު ފަންނާނުންގެ ހެދުންތައް އަޅާފައި ހުންނަ ގޮތްތަކާއި އެ ހެދުމާއެކީ ބޭނުން ކޮށްފައި ހުންނަ އެއްޗިހި ހެދުމުގައި ބޭނުން ކުރެވޭތޯ ދިވެހިން ބަލަ އެވެ.

އެންމެ ފަހުން ފެނުނީ ދިވެހިންގެ ހެދުންތަކުގައި ފަށުވި މާ ބޭނުން ކުރި ތަނެވެ. ހެދުމުގައި އެކަންޏެއް ނޫނެވެ. ޖިންސާއި ފައިވާނާއި އަޅުވައިގެން ހުންނަ އަތްދަބަހުގައި ވެސް އެކި ކުލަ ކުލައިގެ ފަށުވި މާތައް ފޮޅުވި އެވެ. އެ މާތައް މިލައި މޯޅިވެ އަނެއްކާވެސް މި އޮތީ އާ "ޓްރެންޑެ" އް ދިވެހިންގެ ތެރޭގައި މަގުބޫލުވެ ހިނގައިގެންފަ އެވެ. މިހާރު މަގުބޫލުވެގެން އުޅެނީ "ބަނދެފައި" ހުންނަ ހެދުމެވެ.

މިއީ "ވްރެޕް ޑްރެސް" ނުވަތަ ދިވެހި ކޮށްލުމުން "ބަންނަ" ހެދުމެވެ. މި ޒާތުގެ ހެދުންތައް ޖަޕާނުގެ ސަގާފީ ހެދުމާ ވައްތަރުވާ ގޮތެއްވެސް ހުރެ އެވެ. ޖަޕާނު މީހުންގެ ސަގާފީ "ކިމޯނޯ" ހެދުމާ އެއްގޮތަށް މި ހެދުމަކީ ވެސް ހެދުމުގެ އެއް ފަރާތް ގެންގޮސް އަނެއް ފަރާތާއެކީ "ބަނދެލާފައި" ހުންނަ ހެދުމެވެ. ހެދުން ދޫ ވިޔަސް އުނގަނޑުމަތީގައި "ބަންދެއް" އަޅާލުމުން ހަށިގަނޑުގެ ބައްޓަން ނުގެއްލި ރީތި ކޮށްދެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ ހުރިހާ ހެދުމެއްގައި އެޅި މަޝްހޫރު "ވީ - ކަރު" ގެ ބޯވަޅު އަޅާފައި ހުންނަ މިކަހަލަ ހެދުންތައް މިހާރު އެންމެ ގިނައިން ފެންނަނީ ހަވީރީ ހެދުމުގެ ގޮތުގައި އަޅައިގެން ތިބޭތީ ތަނެވެ. ހެދުމުގައި ހުންނަ ކުލަމަޖާ ޕެޓާންތަކުގެ ސަބަބުން އޮފީސް އޮފީހުގެ ރަސްމީ ގަޑިތަކަށް އެހާ މުނާސަބެއް ނޫނެވެ. އަދި ހެދުމުގައި "ބަންދު" ނޭޅިޔަސް މި ހެދުން ގިނަ ޒުވާނުންނަށް ކަމުދަނީ ހަވީރަށް ނުވަތަ ރޭގަނޑުގެ ހާއްސަ ހަފްލާތަކަށް ދާށެވެ.

މިކަހަލަ ހެދުމެއް ރަސްމީ ކޮށްލަން ބޭނުންވާނަމަ، ކުރު ޓޮޕެއްހެން ބަންދު ހިމެނިޔަސް ނުހިމެނިޔަސް، ހެދުމުގައި ލޮލަށް ފަސޭހަވާނެ ކަހަލަ ޕްރިންޓެއް ހުރުމުން ދެން އެ ރަސްމީވީ ކަމަށް ސްޓައިލިސްޓުން ބުނެ އެވެ. އަދި މީގެ ހެދުން އެއް ކުލައަކުން ޑިޒައިން ކޮށްފައި ހުންނަ ނަމަވެސް ރަސްމީ ވަގުތުތަކަށް ވަރަށް ފުރިހަމަ ވާނެ އެވެ.

ރާއްޖޭގައި މި ސްޓައިލް މިހާރު އާއްމުވިޔަސް މިއީ ބޭރުގެ ފަންނާނުގެ މެދުގައި އަބަދުވެސް އެންމެ ހިނގާ އެއް ސްޓައިލެވެ. މަޝްހޫރު ސެލެބްރިޓީން މިކަހަލަ ހެދުން އަޅާފައި ހުންނަތަން ފޮޓޯ ތަކުންނާއި ޓީވީ އިން އަބަދުވެސް ފެނެ އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ ގެ އަނބިކަނބަލުން މޭގަން މާކެލްވެސް އެކި ހަފްލާތަކަށް ވަޑައިގަންނަވަން މިކަހަލަ ހެދުން އެޅުއްވިކަން ޕަޕަރާޒީންގެ ފޮޓޯތަކުން އެނގެ އެވެ. ކައިވެނި ޕާޓީ އާއި ރަސްމީ ހަފްލާތަކާއި ޓީވީ ޝޯތަކުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ވިޔަސް މި ހެދުން އަޅާފައި އެބަ ހުއްޓެވެ. މޭގަން އަށް ވެސް މި "ބަންނަ" ހެދުން މާބޮޑަށް ކަމުދިޔައީ ދޯ އެވެ؟

ދިވެހިންނަށް ވެސް ބޭރުގެ މަޝްހޫރު މީހުން އަޅާ މިކަހަލަ ހެދުންތައް ކަމުގޮސްފި އެވެ. ބަނޑުބޮޑު މީހުންގެ ހެދުންތަކުގައި ދިވެހިން ބޭނުން ކުރަމުން އައި ބަންދު، ކުރިމައްޗަށް އަނބުރާލާ "ވްރެޕް ޑްރެސް" ގައި ހިމަނައިފި އެވެ. މިހާރު މާލޭ މަގުތައް މަތިން މި ނޫން ހެދުމެއް ނުފެނެ އެވެ. ފިހާރަތަކުގެ ލޯގަނޑަށް ބަލަން ހުއްޓި ތިބޭ ރީތި ދޮން "ބުދު" ތަކަށް ލައްވާފައި ހުންނަނީ ވެސް ބަންނަ ހެދުމެވެ.

މިކަހަލަ ހެދުން ކޮންމެ ވަގުތަކަށް ބޭނުން ކުރެވުނަސް މުހިއްމީ ހާލަތާ ގުޅޭ އަދި މާހައުލާއި މޫސުމާ ވެސް ގުޅޭގޮތަށް ގައިގައި ބަނުމެވެ.