ހޫނު މޫސުމުގައި ހީޓް ސްޓްރޯކް ޖެހުމާއި ގައިން ފެން މަދުވުން ފަދަ މައްސަލަތައް ދިމާވާކަން އަހަރެމެން އެންމެންނަށް ވެސް އެނގެ އެވެ. އަދި އެކަމަށް އެކަށީގެންވާ ފިޔަވަޅު ވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން އަޅަމު އެވެ. ނަމަވެސް ހޫނު މޫސުމުގައި ޖީންސް ލައިގެން އުޅޭ މީހުން ވަރަށް ގިނައިން ފެނެ އެވެ. އެއީ "ވަރަށް ކޫލް"ކަމެއް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. ނަމަވެސް ހޫނު ދުވަސްވަރުގައި ޑެނިމް ޖީންސް ލުމަކީ ހަމުގެ ގިނަ މައްސަލަތަކާ ކުރިމަތިވާ ކަމެއް ކަމަށް އިންޑިޔާގެ ދިއްލީގެ ހަމުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ވަނީ ބުނެފަ އެވެ.
"ޑެނިމް އަކީ ފިނި މޫސުމުގައި ލާން ރަނގަޅު އެއްޗެއް. އަދި ފިނި ކްލައިމެޓް އޮންނަ ގައުމުތަކުގައި ޖީންސް ލައިގެން އުޅުމުން މައްސަލައެއް ދިމަލެއް ނުވާނެ. ހޫނު ގައުމުތަކުގައި ހޫނު ދުވަސްވަރު ޖީންސް ލައިގެން އުޅުމުން ހޫނުތައް ގައިގެ ހަންގަނޑުގައި ތާށިވޭ. ނަތީޖާއެއްގެ ގޮތުން ހަމުގެ ތަފާތު ބަލިތައް ޖެހި ހަންގަނޑު ހިރުވުމުގެ މައްސަލަ ދިމާވޭ. އަދި އެލާޖިކް ވުމުން ނަގާ ކަހަލަ ބިހި ނެގުމާއި ޑާމަޓައިޓިސް އަދި ރިންގްވޯމް ކަހަލަ ފަންގަލް އިންފެކްޝަންސް ޖެހެން މެދުވެރިވޭ،" ދިއްލީގެ އާރްއެމްއެލް ހޮސްޕިޓަލުގެ ހަމުގެ ޚާއްސަ ޑޮކްޓަރު ކަބީރް ސަރްދާނާ ޓައިމްސް އޮފް އިންޑިއާށް ވިދާޅުވެފައި ވެއެވެ.
ޑެނިމް ފޮތިން ފަހާފައި ހުންނަ އަންނައުނުގައި ވައި ދައުރުވާ މިންވަރު ވަރަށް ކުޑަ އެވެ. މިކަމުގެ ސަބަބުން ހިއްލާ ދާތައް އޮބިގެން ނުގޮސް ހުރެ އެވެ. އެހެންވެ ހަންގަނޑުގައި ހޫނާއި ދާތައް ތާށިވެފައި ހުރެ އެވެ. އަދި މިއީ ފަންގަލް އިންފެކްޝަނެއް އުފެދެން ވަރަށް ރަނގަޅު ހާލަތެކެވެ.
ކޮޓްން ފޮއްޗާއި ޚިލާފަށް ޑެނިމް ފޮތިން ފަހާފައި ހުންނަ އަންނައުނުގައި ފަންގަސް އަށަގަތުމުން އެ އަންނައުނެއް ދޮވުނު ކަމުގައި ވިޔަސް އެހާ ފަސޭޙައިން އޭގައި ހުންނަ ފަންގަސް ސްޕޯސް މަރު ނުވާ ކަމަށް މިހާރު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ޑޮކްޓަރުން ބުނެފައި ވެއެވެ.
"ރިންގްވޯމްގެ 90 ޕަސެންޓް ކޭސްތައް ހުންނަނީ ފައިގެ ފަލަމަސްގަނޑާއި އުކުޅުވަޅު ފަދަ ތަންތަނުގައި. މިހެން ދިމާވަނީ މީހުން ލާ ޖީންސް ފަދަ އަންނައުނަކީ ހޫނު ހިފެހެއްޓިފައި ހުންނަ ކަހަލަ އަންނައުނަށް ވާތީ،" ޑރ. ކަބީރް ވިދާޅުވި އެވެ.
އޭނާ އިތުރަށް ޑޮކްޓަރު ވިދާޅުވި ގޮތުގައި އާއްމު ގޮތެއްގައި މީހުން ލައި އުޅޭ ޖީންސް ފަދަ ތަކެތި އެހާ އަވަސް އަވަހަކަށް ނުދޮވެ އެވެ. މިއީ ވެސް ފަންގަލް އިންފެކްޝަންތައް ފަދަ ހަމުގެ މައްސަލަތައް އިތުރަށް ގޯސްވާން މެދުވެރިވާ ސަބަބެކެވެ.
"ޖީންސް ފަދަ އަންނައުނު އެއްފަހަރު ލާފައި ދޮވުނަސް އެ ނުބައިފުށުން ޖަހައި ރަނގަޅަށް އަވިން ނުހިއްކާނަމަ ހަމުގެ މައްސަލަތައް ދިމާވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
ޕަބްމެޑް-ސައިޓަޑް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއިން ހާމަވެފައިވާ ގޮތުގައި ޑެނިމް ފޮތީގެ އަންނައުނު އެއްފަހަރު ދޮވުނަސް އޭގައި ފަންގަލް ސްޕޯސް މަރުނުވެ ހުރެ އެވެ.
ހަމުގެ ޚާއްސަ ޑޮކްޓަރު ރަމަންޖީތު ސިންގް ވިދާޅުވި ގޮތުގައި ނައިލޯން، ސިންތެޓިކް އަދި ޕޮލިސްޓާ ފަދަ ފޮތީގެ އަންނައުނުން ވެސް ހަމުގެ މައްސަލަތައް ދިމާވެ އެވެ. މިފަދަ ފޮތިން ވެސް ރަނގަޅަށް ވައި ދައުރު ނުކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޫނު ދުވަސްވަރު އެންމެން ވެސް ލާން ޖެހޭނީ ދޫކޮށް ހުންނަ ކޮޓްން ފޮތީގެ އަތް ދިގު ހެދުން ނުވަތަ ގަމީސް. އެ ހެދުމަކުން އަތާއި ކަރު ރަނގަޅަށް ނިވާ ވާން ޖެހޭނެ،" ޑރ. ރަމަންޖީތު ވިދާޅުވި އެވެ.
ސްރީ ބާލާޖީ އެކްޝަން މެޑިކަލް އިންސްޓިޓީއުޓް ގެ ސީނިއާ ކޮންސަލްޓަންޓް ޑާމެޓަލޮޖިސްޓް ޑރ. ވިޖޭ ސިންގަލް ވިދާޅުވީ ޑެނިމް ޖީންސް ފަދަ ތަކެތި އުފައްދުމުގެ މަރުހަލާގައި ބޭނުންކުރާ ކެމިކަލްސް ތަކާއި ޑައި ތަކުގެ ސަބަބުން ވެސް އެލާޖިކް ރިއެކްޝަންސް އާއި ހަމުގެ މައްސަލަތައް ކުރިމަތިވެ އެވެ.
"ހޫނު ދުވަސްވަރު ޖީންސް ލުމުން ހީޓް ރޭޝް ނަގާނެ. ސަބަބަކީ މިފަދަ އެއްޗެތި ލައިގެން ހުންނައިރު އެ ހިއްލާ ދާ ހަންގަނޑުގައި ނުއޮބި ހުރެ އޭގައި ބެކްޓީރިއާ އަށަގަންނާތީ. ހަންގަނޑު ހިރުވައި ކަހާ، އިންފެކްޝަނަކަށް މަގުފަހިވާނެ މިހެއް ދިމާވަންޏާ،" ޑރ. ސިންގަލް ވިދާޅުވި އެވެ.
ލާ އަންނައުނުން ޖެހޭ ހަމުގެ ބަލިތަކަކީ ޑޮކްޓަރުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
ހޫނު ދުވަސްވަރު ބާރު ޖީންސް އެއްގޮތަކަށް ވެސް ނުލުމަށް ހަމުގެ ޚާއްސަ ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.
"ފައިގެ ފަލަމަސްގަނޑުގައި ހުންނަ ހެއާ ފޮލިކަލްސް އިންފެކްޓްވެ ބިއްސާއި ފޮޅު ނަގައި ހަމުގެ އިންފެކްޝަނަކަށް މަގު ފަހިވޭ. ޖީންސް ލައިގެން ހުއްޓަސް ދުވާލު ހަތަރު ދަމު އެ ލައިގެން ނޫޅޭތި. ޚާއްސަކޮށް ނިދާ ގަޑީގައި އެއްގޮތަކަށް ވެސް ޖިންސް ލައިގެން ނުނިދާތި،" ޑޮކްޓަރު ވިދާޅުވި އެވެ.