އަވަހަށް ނުރަ ޖެހުމަކީ މިހާރު ވަރަށް ގިނަ ޒުވާނުންނާ ކުރިމަތިވެފައިވާ މައްސަލަ އެކެވެ. އުމުރުން 30 ވަރަކަށް އަހަރުވާއިރު ގިނަ އަދަދެއްގެ ނުރަ ހުންނަ ޒުވާނުން މިހާރަކަށް އައިސް ފެނެ އެވެ.
މިގޮތަށް ނުރަ ޖަހާތީ ލަދުގަނެ އެކަމަށް ހައްލެއް ބޭނުންވާ މީހުންނަށް ރަނގަޅު ފަރުވާތަކެއް ކަމާ ބެހޭ ތަޖުރިބާކާރުން މިހާރު ވަނީ ހޯދާފަ އެވެ. މިއީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ތައްޔާރުކުރެވޭނެ ގުދުރަތީ ފަރުވާ ތަކެކެވެ.
މީގެ ތެރެއިން އެއް ފަރުވާ އަކީ ކަޅު ސައިން ތައްޔާރުކޮށްލެވޭ އަދި ގުދުރަތީ ގޮތުން ނުރަތައް ކަޅުވާން މަގުފަހިކޮށްދޭ ފަރުވާ އެކެވެ. ސައިފަތުގައި އެކުލެވޭ ޓެނިކް އެސިޑް ކިޔާ މާއްދާއެއް ހުރެ އެވެ. މި ފަރުވާއިން އިސްތަށިތައް ކަޅުވަނީ މި އެސިޑްގެ ސަބަބުންނެވެ. ނުރަތައް ކަޅުވުމުގެ އިތުރުން އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވުމަށާއި އުޖާލާކަން އިތުރުކުރުމަށް ވެސް މި ފަރުވާ ވަރަށް ރަނގަޅުވާނެ އެވެ.
ސައިފަތް ނޫނަސް ކޮފީ އާއި ބެސިލް ބޭނުންކޮށްގެން ވެސް ނުރަތައް ކަޅު ކޮށްލެވިދާނެ އެވެ.
ސައިފަތުގެ ފަރުވާ
5-6 ސައިސަމުސާ ސައިފަތް ދެ ޖޯޑު ފެނުގައި ރަނގަޅަށް ބޮކިޖަހަންދެން ކައްކާލާށެވެ. ހިހޫވުމުން މި ފެނުން އިސްތަށިގަނޑު ރަނގަޅަށް ތެންމާފައި 30 މިނިޓް ބަހައްޓާށެވެ. ދެން ރީތި ފެނުން އިސްތަށިގަނޑު ދޮވެލާށެވެ. ހަފުތާއަކު 3-4 ވަރަކަށް ފަހަރު މި ފަރުވާ ދޭނަމަ އިސްތަށިގަނޑު ނުރަ ވާތީ އުޅޭކަށް ނުޖެހޭނެ އެވެ.
ކޮފީ އާއި ސައިފަތް
2-3 ސައިސަމުސާ ކޮފީ ބީންސް ރަނގަޅަށް މުގުރާށެވެ. ދެން ތިން ޖޯޑު ފެނުގައި ބޮކިޖަހަންދެން ކައްކާށެވެ. އޭގެ ތެރެއަށް ކަޅު ސައިފަތުގެ ތިން ޓީ ބޭގް ލައިގެން ރަނގަޅަށް ކެކުނީމާ ބާލާފައި ހިހޫ ވަންދެން ބަހައްޓާށެވެ. ދެން ބުރުހަކުން އިސްތަށިގަނޑުގައި މި ފެން ހާކާފައި ގަޑިއެއްގެ އިރު ބަހައްޓާފައި ސާފު ފެން ފޮދަކުން ދޮވެލާށެވެ.
ސައިފަތާއި ބެސިލް
ބެސިލް ނުވަތަ ގަނދަކޯޅިފަތަކީ އިސްތަށިގަނޑަށް ވަރަށް ގިނަ ގުނަ ފައިދާތައް ކުރާ އެއްޗެކެވެ. ފަސް ސައިސަމުސާ ސައިފަތް އެއް ޖޯޑު ފެނުގައި ކައްކާށެވެ. ކެކެން ފެށުމުން އޭގެ ތެރެއިން 5-6 ފަތް ބެސިލް ލާށެވެ. ފެންގަނޑު ރަނގަޅަށް ކެކިލުމުން ލުނބޯ ހުތް ކޮޅެއް ވެސް ފިތާލާށެވެ. ހިހޫވުމުން އިސްތަށިގަނޑުގައި މި ފެން އުނގުޅާފައި 1-2 ގަޑިއިރު ބަހައްޓާފައި ދޮވެލާށެވެ. ހަފުތާއަކު 2-3 ފަހަރު މި ފަރުވާ ދޭނަމަ ނުރަ ޖަހާތީ އުޅޭކަށް ނުޖެހޭނެ އެވެ.
ސައިފަތާއި ހީނާފަތް އަދި އަޖުވައިން
ހީނާފަތް ޕައުޑަރު ދެ ސަމުސަލާއި ދެ ސަމުސާ ކެރޮމް ސީޑް އަދި ކަޅު ސައިފަތުގެ ދެ ޓީ ބޭގް ފެން ޖޯޑެއްގައި ކައްކާށެވެ. ދެން މި ފެން އިސްތަށިތަކުގައި ހާކާފައި 1-2 ގަޑިއިރު ބަހައްޓާށެވެ. އޭގެ ފަހުން ރީތިކޮށް އިސްތަށިގަނޑު ދޮވެލާށެވެ. މި ފަރުވާ ވެސް ހަފުތާއެކު 2-3 ފަހަރު ހަދާނަމަ އިސްތަށިގަނޑު ރީތިވެފައި ނުރަ ނުފެންނާނެ އެވެ.