ހަބަރު

މާފުށީ ހެލްތް ސެންޓަރުގެ ނަރުހުންތަކަކަށް ބިރުދެއްކި މައްސަލައެއް ބަލަނީ

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިންދާ މަރުވި، ރަޝްފާ އަހުމަދުގެ އާއިލާއިން ބަޔަކު ފޮނުވައިގެން، މާފުށީ ހެލްތް ސެންޓާގައި މަސައްކަތް ކުރާ ނަރުހުންތަކަކަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން އުމުރުން 20 އަހަރުގެ ފުވައްމުލަކަށް ނިސްބަތްވާ ރަޝްފާ އަހްމަދު މަރުވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ރަޝްފާގެ ބަނޑަށް އަށް މަހުގައި މަރުވެފައިވަނީ ކުއްލި ގޮތަކަށް، މާފުށީ ސިއްހީ މަރުކަޒުގައި އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ، މާފުށީ ހެލްތް ސެންޓާގައި މަސައްކަތް ކުރާ ނަރުހުންތަކަކަށް ބިރުދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެރަށު އަންހެނުންްތަކެއް ވަނީ ނަރުހުންގެ ދިފާއުގައި ހެލްތް ސެންޓަރު ދޮށުގައި ހިމޭން މުޒާހަރާއެއް ކޮށްފަ އެވެ. އެމުޒާހަރާގައި އެރަށު އަންނެހުން ތިބީ ބޯޑުތަކެއް ހިފައިގެންނެވެ. އެ ބޯޑު ތަކުގައި ލިޔެފައިވަނީ "ބިރުދެއްކުން ހުއްޓުވާ" އަދި "މިހާރުން މިހާރަށް ޑޮކްޓަރު ފޮނުވާދީ" މިކަހަލަ ލިޔުންތަކެކެވެ.

ބަޔަކު އެ މައްސަލަ ޖައްސާފައިވާއިރު އެފަދަ ކަމެއް ކުރި ކަމަށް ރަޝްފާގެ އާއިލާއިން ވަނީ ދޮގުކޮށްފަ އެވެ. ރަޝްފާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ބަޔަކު ފޮނުވައިގެން ބިރު ދެއްކުމަށް އެ އާއިލާއިން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ރަޝްފާގެ މަރުގައި ބައެއްގެ އިހުމާލުވާ ކަމަށް އެ އާއިލާއަށް ތުހުމަތު ކުރޭތީ އެކަމުގެ ހަގީގަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި މާފުށީގެ ބައެއް ރައްޔިތުންގެ ފަރާތުން ވެސް އެ އާއިލާގެ މެންބަރުންނަށް އެކި ކަހަލަ ފުރައްސާރަތައް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން އެކި ފަރާތްތަކުގެ އިންޒާރު އާއިލާއަށް ލިބިފައިވާ ކަމަށް ބުންޏެވެ.

ރަޝްފާ އަހުމަދުގެ ކުއްލި މަރާ ގުޅިގެން އާއިލާއަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް އާއިލާގެ ފަރާތުން ކަމާ ގުޅޭ ތިން މުއައްސަސާއަކަށް ހުށަހަޅައިގެން، މައްސަލަތައް ވަނީ ބަލަން ފަށާފަ އެވެ. ރަޝްފާގެ މަރުގެ މައްސަލަައިގައި އާއިލާއިން މައްސަލަ ހުށަހެޅީ ފުލުހުންނާއި ހެލްތު މިނިސްޓްރީ އަށެވެ.