ދުނިޔެ

ހަރަކާތް ނުކުރެވޭ މީހާ ވިހޭ މައްސަލާގައި ނަރުހެއް ހައްޔަރުކޮށްފި

Jan 24, 2019

އެރިޒޯނާ (ޖެނުއަރީ 24) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ހުރި ނާސިންގް ހޯމެއްގައި، ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނުކުރެވޭ ބަލި އަންހެނެއް ވިހޭ މައްސަލާގައި، އެތަނުގައި މަސައްކަތް ކުރާ ފިރިހެން ނަރުހެއް ހައްޔަރުކޮށްފި އެވެ.

ހަސިއެންޑާ ހެލްތު ކެއާ ސެންޓަރުގެ ބެލުމުގައި ދަށުން އެ އަންހެން މީހާއަށް ފަރުވާދެމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށްވެ އެވެ.

އެ މައްސަލާގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އެ ސެންޓަރުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ، 36 އަހަރުގެ ނޭތަން ސަދަލަންޑް އެވެ.

އެ އަންހެންމިހާ ބަލިވެ އިން ގޮތެއް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ވަނީ އެތަނުގައި މަސައްކަތް ކުރާ ހުރިހާ ފިރިހެން މުވައްޒަފުންގެ ޑީއެންއޭ ސާމްޕަލް ނަގައިފަ އެވެ. އަދި ހައްޔަރުކުރެވިފައިވާ މީހާގެ ޑީއެންއޭ ދިމާވާކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ކުޑައިރުއްސުރެ އެ ސެންޓަރުގައި ފަރުވާދެމުން އަންނަ މިހާރު އުމުރުން 29 އަހަރުގެ އެ އަންހެން މިހާ ވިހާފައިވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އެ އަންހެންމީހާ ބަލިވެއިން ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށްވެ އެވެ. އެ އަންހެންމިހާއަށް ލިބުނު ފިރިހެން ދަރިފުޅު މިހާރު ވަނީ އަންހެންމިހާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން، އެ ކުންފުނީގެ ސީއީއޯ އިސްތިއުފާދީފައިވާއިރު، ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި އެހެން ބަލިމީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އަންހެން ޕޭޝަންޓުންގެ ކޮޓަރިއެއް ފިރިހެން މުވައްޒަފެއް ވަންނަ އިރު، އަންހެން މުވަންޒަފާއެކީ ނޫން ގޮތަކަށް ނުވަދެވޭ ގޮތަށް އުސޫލެއް ގާއިމުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.