ދުނިޔެ

އިންޑިއާގައި ރޭޕްކުރި ތިން އަހަރުގެ ކުއްޖެއް ސީރިއަސް ހާލަތުގައި

Dec 17, 2018
3

ނިއު ދިއްލީ (ޑިސެމްބަރު 17) - އިންޑިއާގެ ވެރިރަށް ނިއު ދީއްލީގައި ރޭޕްކުރި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖެއް އޮތީ ވަރަށް ސީރިއަސް ހާލަތުގައި ކަމަށް އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުން ބުނެފި އެވެ.

އެ މައްސަލާގައި، އެ ކުއްޖާ ދިރިއުޅޭ އިމާރާތުގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ 40 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނަށް އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ ހޭނަތިފައި ކަމަށާއި، މިހާރު ވެސް އެ ކުއްޖާ ވަނީ ސާޖަރީ ހަދަން ވައްދާފައިކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، އެ މައްސަލަ އެނގުނު ހިސާބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީފަ އެވެ. އެ މީހާ ހައްޔަރުކުރުމުގެ ކުރިން، އެ މީހާއަށް ފަރުވާދޭންޖެހުނުކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

ތިން އަހަރުގެ ތުއްތު ކުއްޖާ ރޭޕްކޮށްފައިވަނީ، ނިއު ދީއްލީގައި ބަހެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރިތާ ހަ އަހަރު ފަހުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި ޒުވާން އަންހެނާގެ ހާދިސާ އާގުޅިގެން ގާނޫނަށް އިސްލާހު ގެނެސް، ރޭޕްގެ ކުށުގައި މަރުގެ އަދަބު ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ ބޮޑެތި ހާދިސާތައް ދަނީ ހިނގަމުންނެވެ.

އިންޑިއާގައި ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް މަދަނީ ޖަމާއަތްތަކުން ލަފާކުރެ އެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް 500 ޕަސަންޓް އިތުރުވެފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.