ދުނިޔެ

އިންޑިއާގެ ހިޔާއެއްގައި 34 ކުދިން ރޭޕްކުރި މައްސަލަ ހޫނުވެއްޖެ

Jul 31, 2018
2

ބިހާރު (ޖުލައި 31) - އިންޑިއާގެ ބިހާރު ސްޓޭޓުގައި ހިންގާ ކުޑަކުދިންގެ ހިޔާއެއްގައި 34 އަންހެން ކުދިން ރޭޕްކޮށްފައިވާ މައްސަލަ އެއް ހޫނުވެއްޖެ އެވެ.

އެ ހިޔާގައި ޖުމަލް 44 ކުދިން ތިބި އިރު، ގިނަ ކުދިންނަކީ އާއިލާ ދޫކޮށް ފިލާފައިވާ ކުދިންނާއި، މަގު މަތީގައި އުޅެނިކޮށް ސަލާމަތްކޮށްފައިވާ ކުދިންނެވެ.

އެ މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، ރޭޕްގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ތެރޭގައި 18 އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިން ހިމެނޭ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ކުދިންގެ ބަޔާންތައް ކުޑަކުދިން ރޭޕް މައްސަލަތައް ބަލާ ހާއްސަ ކޯޓަކުން މިދިޔަ ހުކުރު ދުވަހު ނަގާފައިވާއިރު، ރޭޕް ކުރުމުގެ އިތުރުން، އެ ކުދިންނަށް ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށް އެކުދިން ވަނީ ބުނެފަ އެވެ.

މިގޮތުން، އެ ކުދިން ގައިގާ ދަނޑިބުރިތަކުންނާއި ބެލްޓުން ތަޅާ، ހަށިގަނޑުގެ ތަންތަން ފިއްސައި، މަސްތުވާތަކެތި ދީގެން އެ ކުދިން ރޭޕްކޮށްފައިވާ ކަމަށްވެ އެވެ.

އެ ކުދިންނަށް އަނިޔާކުރީ ކިހާ ދުވަހަކު ކަމެއް އަދި ސާފުވެފައިނުވާއިރު، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، އެ ސަރަހައްދުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ ޑިޕާޓުމަންޓުގެ ދެ އޮފިޝަލަކު ވެސް ހިމެނެ އެވެ.

"އަހަރެމެންނަށް އެކަށީގެންވާ ހެކި ވަނީ ލިބިފަ. މެޑިކަލް ރިޕޯޓުތަކާއި އެ ކުދިންގެ ބަޔާންތަކުން އެ ކަމުގައި ޝާމިލްވާ އެންމެންނަށް ހައްގު އަދަބު ދެވޭނެކަމުގެ ޔަގީންކަން އެބައޮތް،" ފުލުހުންގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް ބުންޏެވެ.

ބިހާރުގެ ސޯޝަލް ވެލްފެއާ މިނިސްޓަރުގެ ފިރިމީހާ ވެސް އެކަމުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ.

އިންޑިއާގެ ރޭޕް ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް މަދަނީ ޖަމާއަތްތަކުން ލަފާކުރެ އެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް 500 ޕަސަންޓް އިތުރުވެފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.