ނިއު ދިއްލީ (މާޗް 20) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި ޒުވާން އަންހެނާގެ ގާތިލުންނަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
އެ އަނިޔާވެރި ގަތުލާއި ގުޅިގެން، ހަތަރު މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2013 ވަނަ އަހަރެވެ.
އެ ހަތަރު މީހުންވެސް ދަންޖައްސައި މަރާފައިވަނީ ތިހާރުގައި ހުންނަ ޖަލުގަ އެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން އިންޑިއާގައި މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
ސިނަމާއަކުން ފިލްމެއް ބެލުމަށް ފަހު ފިރިހެން އެކުވެރިޔަކާ އެކު ގެޔަށް ދިޔަ މަގުމަތީ ބަހަށް އެރުވުމަށް ފަހު ރޭޕްކޮށް މަރާލި 23 އަހަރުުގެ ޒުވާން އަންހެން ކުއްޖާ ރޭޕްކޮށް މަރާލީ ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރެ އެވެ.
އެ ހާދިސާއާ ގުޅިގެން ޖުމްލަ ހަ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން އެކަކު މާޗް 2013 ގައި ޖަލުގައި އަމިއްލައަށް މަރުވެފަ އެވެ.
އަދި އެކަމުގައި ޝާމިލްވާ 17 އަހަރުގެ ކުއްޖާ، ވަނީ 2015 ވަނަ އަހަރު އޭނާއަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް، ސަލާމާތްވެފަ އެވެ. އެއީ 18 އަހަރު ނުފުރޭ ކުދިންނަށް އިންޑިއާގައި ދެވޭ އެންމެ ހަރުކަށި އަދަބެވެ.
ރޭޕް އާންމުވެފައިވާ އިންޑިއާގައި ވަނީ 2012 ވަނަ އަހަރުގެ އަނިޔާވެރި ރޭޕާ ގުޅިގެން ގާނޫނަށް އިސްލާހު ގެނެސް، ރޭޕްގެ ކުށުގައި މަރުގެ އަދަބު ލިބޭ ގޮތަށް ހަދައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ރޭޕްގެ ބޮޑެތި ހާދިސާތައް ހިނގާފައިވެ އެވެ.