ދުނިޔެ

ދޮންމަންމަ ބުނެގެން އިންޑިއާގައި ނުވަ އަހަރުގެ ކުއްޖެއް ރޭޕްކޮށް މަރާލައިފި

Sep 6, 2018

އިންޑިއާގެ ބެލުމުގެ ދަށުން ހިންގާ ކަޝްމީރުގައި ނުވަ އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް މަރާލި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ އަންހެން ކުއްޖާ ރޭޕްކުރީ އެ ކުއްޖާގެ ދޮންމަންމަ ބުނެގެންނެވެ. އެކަމުގައި ބައިވެރިވީ އެ އަންހެންކުއްޖާގެ 14 އަހަރުގެ އެއްބަނޑު ބޭބެއާއި އިތުރު ތިން މީހެއް ވެގެން ކަމަށްވެ އެވެ.

އެ ކުއްޖާ ގެއްލިގެން ހޯދައިތާ 10 ދުވަސްފަހުން، އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުގެ ޖަންގަލީގެ ތެރެއިން ކަމަށްވެ އެވެ. އެ ކުއްޖާ ފެނުނުއިރު، ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ކުއްޖާ ރޭޕްކުރަން އެންގީ، އެ ކުއްޖާ ދެކެ ދޮންމަންމަ ރުޅިއަންނާތީކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިންޑިއާގެ ރޭޕް ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް މަދަނީ ޖަމާއަތްތަކުން ލަފާކުރެ އެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް 500 ޕަސަންޓް އިތުރުވެފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.