ދުނިޔެ

ޒައިނަބު ރޭޕުކޮށް މަރާލި މީހާ ދަން ޖައްސައިފި

Oct 17, 2018

އިސްލާމްއާބާދު (އޮކްޓޯބަރު 18) - އުމުރުން އެންމެ ހަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި ފިރިހެނަކު މިއަދު ދަން ޖައްސައިފި އެވެ.

ޒައިނަބު ނަމަކަށް ކިޔާ އެކުއްޖާގެ ހަށިގަނޑު ޕާކިސްތާނުގެ ކަސޫރު ނަމަކަށް ކިޔާ ރަށުގެ ކުނި ގޮނޑަކަށް އެއްލާފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހު އެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ފަސް ދުވަސް ފަހުންނެވެ.

ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި، ޒައިނަބު މަރާލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ އިމްރާން އަލީ ވަނީ، ކުއްޖާގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ދަން ޖައްސައިފަ އެވެ.

ޒައިނަބުގެ މަރާ ގުޅިގެން ކަސޫރުގެ އިތުރުން ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައި ވެސް މީހުން ވަނީ ނުކުމެ މުޒާހަރާ ކޮށްފަ އެވެ.

މުޒާހަރަތަކާއި ގުޅިގެން، ފުލުހުންގެ މައްޗަށް ޕްރެޝަރު ބޮޑުވެ، އިމްރާން އަލީ ހައްޔަރުކުރީ ޒައިނަބުގެ ހަށިގަނޑުގެ ފެނުނު ޑީއެންއޭ ދިމާވުމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު އިމްރާން ވަނީ މަރަށް ހުކުމްކޮށްފަ އެވެ. އެ ހުކުމުގެ އިސްތިނުއާފުތައް ނާކާމިޔާބުވުމުން، އިމްރާން ވަނީ ޕާކިސްތާނުގެ ރައީސްގެ އަރިހުން އަފުވާމަށް އެދިފަ އެވެ. ނަމަވެސް، ރައީސް އާރިފް އަލްވީ ވަނީ އިމްރާނަށް އަފުވާމު ދިނުމަށް އިންކާރު ކުރައްވައިފަ އެވެ.