ދުނިޔެ

ކަރާޗީ ފެކްޓަރީގައި ރޯކޮށްލި ދެ މީހުނަށް މަރުގެ ހުކުމް

Sep 23, 2020

ކަރާޗީ (ސެޕްޓެމްބަރު 23) - ޕާކިސްތާނުގެ ގާމަންޓް ފެކްޓަރީއެއްގައި 2012 ވަނަ އަހަރު ރޯކޮށްލި ކަމުގެ ދައުވާ ކޮށްފައިވާ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ދެ މީހުނަށް މަރުގެ ހުކުމް އިއްވައިފި އެވެ.

ޕާކިސްތާނުގައި ތާރީހުގެ ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 260 މީހުން މަރުވި އެވެ. އަދި އެ ފެކްޓަރީގައި ރޯކޮށްލީ އޭރު ވެރިކަމުގައި އޮތް އެމްކިޔުއެމް ޕާޓީއަށް ނިސްބަތްވާ ދެ މީހަކު، އެ ފެކްޓަރީގެ ވެރި ފަރާތުން ފައިސާ ނުދީގެންކަމަށް ބުނެފައިވެ އެވެ.

ބަލްދިއާގައި ހުންނަ އަލީ އެންޓަޕްރައިސަސްގެ އެ ފެކްޓަރީގައި ރޯވި އަލިފާންގަނޑުގައި އެތަކެއް ސަތޭކަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވި އެވެ. އަދި އެއް ބައި މީހުން ވަނީ ސަލާމަތްވާން ބޭރަށް ފުންމާލައިފަ އެވެ.

އެ ތަނުގައި ރޯކޮށްލުމަކީ ރާވައިގެން ހިންގި ޓެރަރިޒަމް އަމަލެއް ކަމަށް ދައުވާގައިވެ އެވެ.