ދުނިޔެ

ޒަހުރާގެ މަރާ ގުޅިގެން ދެމަފަރިންގެ ޕޮލިގްރާފް ޓެސްޓު ހައްދަނީ

Jun 13, 2020

ރަވަލްޕިންޑީ (ޖޫން 13) - ޕާކިސްތާނުގެ ރަވަލްޕިންޑީގެ ގެއެއްގައި ގެންގުޅުނު ހަތް އަހަރުގެ ކުއްޖެއްގެ މަރާ ގުޅިގެން، ހައްޔަރު ކޮށްފައިވާ އެ ގޭގެ ދެމަފިރިން ޖަލުގައި އިތުރު ދެ ހަފުތާ ބައިތިއްބައިގެން ޕޮލިގްރާފް ޓެސްޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން ސިއްދީގީ އާއި އޭނާގެ އަންހެނުން، ހަތް އަހަރުގެ ޒަހްރާ ބީބީ އެ ގޭގައި ގެންގުޅުނީ، ހަމަ އެއް އުމުރެއްގެ ދަރިފުޅު ބަލަން ކަމަށް ފުލުހުން ބުނެ އެވެ. އަދި ޒަހްރާއަށް އަނިޔާ ކުރުމުގެ ތެރޭގައި މަރުވެފައި ވަނީ، އެ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫންޏެއް ދޫކޮށްލިކަމަށް ތުހުމަތުކޮށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޒަހްރާ މަރުވެފައި ވަނީ، ބަނޑުގައި ކޮޅުފައިން ތެޅުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލާގައި، އެ ދެމަފަރިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޒަހްރާގެ ކާފަ މީޑިއާއަށް ބުނި ގޮތުގައި، ޒަހްރާ ސިއްދީގީގެ ގެއިން ވަޒީފާ އެއް ހޯދީ، އެ ގޭގައި ކައްކާއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އާއިލާ މީހެއްގެ ފަރާތުންނެވެ.

އަދި ޒަހްރާ އެ ގެއަށް ގެންގޮސްފައި ވަނީ ކިޔަވައި ދޭނެ ކަމަށް ބުނެ ކަމަށް ވެސް އޭނާގެ ކާފަ ބުނެފައިވެ އެވެ.

މިދިއަ މަހުގެ 31 ވަނަ ދުވަހު ޒަހްރާ ހޮސްޕިޓަލަށް ގެންދިއަ އިރު، މުޅި ހަށިގަނޑުގައި ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ހުރި ނިޝާންތައް ހުރިކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. އަދި ގައިން ލޭ އޮހުރެމުން ދާތީ، ވަގުތުން ވަނީ އައިސީޔޫއަށް ގެންދެވިފަ އެވެ. ނަމަވެސް، ޒަހްރާ ވަނީ ޖެހިގެން އައި ދުވަހު މަރުވެފަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޮސްޕިޓަލުންނެވެ.

އައިއެލްއޯއިން އަންދާޒާކުރާ ގޮތުގައި، ޕާކިސްތާނުގައި ގޭތެރޭގެ އެކި މަސައްކަތުގައި 8.5 މިލިއަނެއްހާ މީހުން ގެންގުޅޭއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގައި 15 އަހަރުން ދަށުގެ ކުދީން ލައްވާ މަސައްކަތް ކުރުވުމަކީ ގާނޫނާ ހިލާފު ކަމެއް ނަމަވެސް، އެކަމަކީ ވަރަށް އާއްމު ކަމެއް ކަމަށް އެ ގައުމުގެ މަދަނީ ޖަމާއަތްތަކުން ބުނެ އެވެ.