ދުނިޔެ

ޕާކިސްތާނު: ގޭގައި ގެންގުޅުނު ކުއްޖެއްގެ މަރާ ގުޅިގެން ދެމަފަރިއަކު ހައްޔަރުކޮށްފި

Jun 5, 2020

ރަވަލްޕިންޑީ (ޖޫން 5) - ޕާކިސްތާނުގެ ރަވަލްޕިންޑީގެ ގެއެއްގައި ގެންގުޅުނު ހަތް އަހަރުގެ ކުއްޖެއްގެ މަރާ ގުޅިގެން، އެ ގޭގެ ދެމަފިރިން ހައްޔަރު ކޮށްފި އެވެ.

ހަސަން ސިއްދީގީ އާއި އޭނާގެ އަންހެނުން، ހަތް އަހަރުގެ ޒޮހްރާ ބީބީ އެ ގޭގައި ގެންގުޅުނީ، ހަމަ އެއް އުމުރެއްގެ ދަރިފުޅު ބަލަން ކަމަށް ފުލުހުން ބުންޏެވެ. އަދި ޒޮހްރާއަށް އަނިޔާ ކުރުމުގެ ތެރޭގައި މަރުވެފައި ވަނީ، އެ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫންޏެއް ދޫކޮށްލިކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

"އެ ގޭގައި ގެންގުޅު ހަތަރު ގުރާގެ ތެރެއިން އެއް ދޫނި ދޫކޮށްލި ކަމަށް ތުހުމަތުކޮށް، ސިއްދީގީ އާއި އޭނާގެ އަންހެނުން ވަނީ އެ ނިކަމެތި ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި،" ފުލުހުންގެ ފަރާތުން މުހުތާރު އަހުމަދު މީޑިއާއަށް ބުނެފައިވެ އެވެ.

އަދި ޒޮހްރާ މަރުވެފައި ވަނީ، ބަނޑުގައި ކޮޅުފައިން ތެޅުމުގެ ސަބަބުން ކަމަށް ވެސް މުހުތާރު ބުންޏެވެ.

އައިއެލްއޯއިން އަންދާޒާކުރާ ގޮތުގައި، ޕާކިސްތާނުގައި ގޭތެރޭގެ އެކި މަސައްކަތުގައި 8.5 މިލިއަނެއްހާ މީހުން ގެންގުޅޭއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގައި 15 އަހަރުން ދަށުގެ ކުދީން ލައްވާ މަސައްކަތް ކުރުވުމަކީ ގާނޫނާ ހިލާފު ކަމެއް ނަމަވެސް، އެކަމަކީ ވަރަށް އާއްމު ކަމެއް ކަމަށް އެ ގައުމުގެ މަދަނީ ޖަމާއަތްތަކުން ބުނެ އެވެ.

މިދިއަ އާދީއްތަ ދުވަހު ޒޮހްރާ ހޮސްޕިޓަލަށް ގެންދިއަ ނަމަވެސް، ޖެހިގެން އައި ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހޮސްޕިޓަލުން ކަމަށް ވެސއް ރިޕޯޓުތައް ބުނެ އެވެ.

ގޭގައި ގެންގުޅޭ މީހުނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދޭ މައްސަލަތައް އިތުރުވެ، 2018 ވަނަ އަހަރު އެ ފަދަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޕަންޖާބުގައި ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ.