ރޭޕް ކުރާ މީހުން، އާންމުންގެ ކުރިމަތީގައި ދަންޖައްސާށާއި އެ މީހުންގެ ޖިންސީ ބާރު ދަށް ކުރުމަށް ބޭސް ދޭން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ގޮވާލައްވައިފި އެވެ. ޚާން މިގޮތަށް ގޮވާލެއްވީ ޕަންޖާބު ޕްރޮވިންސްގެ ހައިވޭއެއްގައި އަންހެނަކު ރޭޕް ކުރުމާއި ގުޅުން ހުރި ދެވަނަ މީހަކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.
އަންހެން މީހާ ރޭޕް ކޮށްފައި ވަނީ އޭނާގެ ދަރިންގެ ކުރިމަތީގަ އެވެ. އެއީ އިރުމަތީ ލާހޫރުގެ ހައިވޭ އެއްގައި ކާރުގެ ތެޔޮ ހުސް ވުމުން ކާރު ހުއްޓިފައި އޮއްވަ އެވެ. މި ހާދިސާ އާއި ގުޅިގެން އެތައް ބަޔަކު ޕާކިސްތާނުގެ ބޮޑެތި ސިޓީ ތަކުގެ މަގުމައްޗައް އެއްވެ ނުރުހުން ފާޅުކުރި އެވެ. މީހުން އެއްވި ސިޓީ ތަކުގެ ތެރޭގައި އިސްލާމް އާބާދު އަދި ކަރާޗީ ހިމެނެ އެވެ.
"އެމީހުންނަށް [ރޭޕިސްޓުންނަށް] ހައްގުވާ އަދަބު ދޭން ޖެހޭނެ. އަހަންނަށް ފެންނަނީ އެމީހުން ދަންޖައްސާ މަރަން" ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރަށް ބޮޑު ވަޒީރު ވިދާޅުވީ ރޭޕް ވެސް ދަރަޖަކޮށް ފުރަތަމަ ދަރަޖަ އާއި ދެވަނަ ދަރަޖަ އަދި ތިންވަނަ ދަރަޖައެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ފުރަތަމަ ދަރަޖައިގެ ރޭޕިސްޓުން ޖިންސީ ބާރު ކުޑަކޮށްދޭ ބޭސް ދީ އެކުގައި ބާރު ކަނޑުވާލަން ޖެހޭ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭޕް ގެ ހާދިސާއާ ގުޅިގެން 15 މީހަކާ ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ.
މި މައްސަލައިގެ ތެރޭގައި ލާހޫރުގެ ފުލުހުންގެ ވެރިޔާ އުމަރު ޝެއިހު ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ. އޭނާއަށް ފާޑުކިޔުން އަމާޒުވީ ރޭޕް ކުރީ އަންހެން މީހާގެ ވެސް ކުށުން ކަމަށް ވިދާޅުވެގެނެވެ. އޭނާ އެހެން ވިދާޅުވުމާއި ގުޅިގެން އާންމުންގެ ނުރުހުން އޭނައަށް ވަރަށް ބޮޑަށް އަމާޒުވެ އޭނަގެ އިސްތިއުފާއަށް ވެސް ގޮވާފައި ވެއެވެ.
ޕާކިސްތާނުގެ ގާނޫނީީ ތަޖުރިބާކާރަކު އޭއެފްޕީ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރޭޕް ކުރާ އަންހެނުންނާމެދު އިޖްތިމާއީ ގޮތުން ގަބޫލު ކުރެވޭ ކުރުން ތަކެއްގެ ސަބަބުން ވެސް ރޭޕްގެ ކޭސް ތައް ރިޕޯޓު ކުރުން މަދުވާ ކަމަށެވެ. އަދު ފުލުހުން ގިނަ އޮފިޝަލުން ވެސް އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ދަށް ބައެއް ކަމަށް ދެކޭ ކަަމަށާއި އަދި އަންހެނުންނަށް ނަފުރަތު ކުރާ ފުލުހުން އުޅޭކަމަށް އޭނަ ވިދާޅުވި އެވެ.