ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި ޑޮކްޓަރުންނާއި ނަރުހުން ދަނީ ވަރުގަދަ ޖިހާދެއް ކުރަމުންނެވެ. ސިއްހީ އެހީތެރިންގެ ތެރެއިން ގިނަ މީހުންނަށް ހަމަ ނިދި ވެސް ނިދާ ލެވޭ ގޮތެއް ނުވެ އެވެ. އަދި އާއިލާގެ މީހުންނަށް ބަލި ޖެހިދާނެ ކަމުގެ ބިރަށް އެފަދަ މީހުންނަށް އަމިއްލަ ގެއަށް ވެސް ދާކަށް ނުކެރެ އެވެ.
އެމީހުންގެ މި ބޮޑު ގުރުބާނީ ހުރިހާ މީހުން ވަޒަނެއް ނުކުރެ އެވެ. ބަލި ޖެހިދާނެ ކަމުގެ ބިރަށް އެމީހުންނާ ކައިރިއަށް ދާން ނުކެރޭ މީހުން އުޅޭއިރު އިންޑިޔާގައި ބައެއް ޑޮކްޓަރުންނާއި ނަރުހުންނަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ކުއްޔަށް އުޅޭ ތަންތަނުގެ ވެރިން އެމީހުން އެ ގެއަކަށް ވަންނަން ހިތްހަމަ ނުޖެހުމެވެ. އެހެންވެ މީގެ ތެރެއިން ގިނަ މީހުން ނިދުމާއި ދިރިއުޅުމުގެ ހުރިހާ ކަންތައްތަކެއް ވެސް ކުރަނީ ހޮސްޕިޓަލުގެ ކޮންމެވެސް ހުސް ތަންކޮޅެއްގަ އެވެ.
އިންޑިއާގެ ނޫހެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އިންޑިއާގެ ކަލްކަތާގައި ހުންނަ ސަތިޔަޖީތު ރޭ ފިލްމް އެންޑް ޓެލެވިޒަން އިންސްޓީޓިއުޓްގައި ކިޔަވާ ސުޗާނާ ސާހާއަށް ޚަބަރުތައް ލިބުން ވަރަށް ދެރަވި އެވެ. ސުޕަހީރޯއިން ކުރާ ފަދަ މަސައްކަތްތައްކުރާ މެޑިކަލް ޕްރޮފެޝަނަލުންނާ ދޭތެރޭ ބައެއް މީހުން ތަފާތުކުރުންތައް ގެންގުޅޭތީ އޭނާގެ ހިތް ހަލާކުވި އެވެ.
އެހެންވެ އެމީހުންނަށް އޭނާއަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން ނިންމި އެވެ. ސާހާގެ ބައްޕަ އަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. އޭނާ ކުއްޔަށްދޭ ފްލެޓްތަކުގެ ތެރެއިން ކަލްކަތާގައި ހުރި ދެ ފްލެޓެއް އޭރު ހުސްވެފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެހެންވެ ބައްޕަ އާއި އާއިލާގެ މީހުންނާ ވާޙަކަ ދައްކައިގެން އެ ދެ ފްލެޓް ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ހިލޭ ދޫކުރަން ސާހާ ނިންމި އެވެ. އަދި ފޭސްބުކްގައި މިގޮތަށް އިޝްތިހާރެއް ޖެހި އެވެ.
އިސާހިތަކު ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ސާހާއަށް ގުޅައި އޭނާގެ ފްލެޓްގައި ދިރިއުޅެން ބޭނުންކަމަށް ބުނެފައިވާ ކަމަށް ސާހާ ބުންޏެވެ.
މިހާރު ސާހާ އާއި އޭނާގެ ބޭބެ އަދި އަވަށްޓެރިއެއް ވެގެން އެ ފްލެޓްތައް ސާފުކޮށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.