ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ވެކްސިންޖެހި މިނިސްޓަރު ޕޮޒިޓިވްވެ ފާޑުކިއުން

އިންޑިޔާގެ ހަރްޔާނާގެ ހެލްތު މިނިސްޓަރު އަނިލް ވިޖް އަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ކަމަށް ބުނެ މިނިސްޓަރު ކުރި ޓުވީޓަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އެ ސްޓޭޓްގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ ވިޖް ސޯޝަލް މީޑިއާގައި ޝެއާ ކުރެއްވި މެސެޖުގައި ފާއިތުވީ ދުވަސްތަކުގައި އޭނާއާ ބައްދަލުވީ ހުރިހާ އެންމެން ކޮވިޑް ޓެސްޓްކުރަން އިލްތިމާސް ކުރައްވާފައި ވެއެވެ.

ވިޖް އަށް ކޮވިޑް ޖެހުމުން ގިނަ ބައެއްގެ ފާޑުކިއުމާ ކުރިމަތިވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޭނާގެ ގަޔަށް ކޮވިޑް ވެކްސިން ޖަހާފައި ވަނިކޮށް ބަލި ޖެހުނީމަ އެވެ.

އިންޑިޔާގެ ބާރަތު ބައޯޓެކް އާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ގުޅިގެން އުފެއްދި ކޯވެކްސިންގެ ތިން ވަނަ ޓްރަޔަލް ފެށުމުގެ ގޮތުން އެ ވެކްސިން ޖަހަން ވޮލަންޓިއަ ކުރި ފުރަތަމަ ބޭފުޅަކީ ވިޖް އެވެ. އަދި ހަރްޔާނާގައި ޓްރަޔަލް ފެށުމުގެ ގޮތުން ފުރަތަމަ ވެކްސިން ޖެހީ ވިޖްގެ ހަށިކޮޅަށެވެ.

ކެބިނެޓު މިނިސްޓަރުންގެ ތެރެއިން ވެސް ވެކްސިން ޖަހަން ވޮލަންޓިއާކުރެއްވި ފުރަތަމަ މިނިސްޓަރަކީ ވިޖް އެވެ.
ވިޖް ޕޮޒިޓިވް ވުމާ ގުޅިގެން ވެކްސިން އަށް ކުރިމަތިވަމުންދާ ފާޑުކިއުމަށް ބާރަތު ބައޯޓެކް އިން ވަނީ ޖަވާބުދާރީ ވެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ކޯވިކްސިން ބިނާކޮށްފައިވަނީ ދެ ޑޯޒްގެ މައްޗަށް ކަމަށެވެ. ފުރަތަމަ ޑޯޒް ދޭތާ 28 ދުވަސް ފަހުން ދެ ވަނަ ޑޯޒެއް ދޭން ޖެހެ އެވެ. ވެކްސިންގެ އަސަރު އެންމެ އެކަށީގެންވާ ގޮތަކަށް ކުރަން ފަށާނީ ދެ ވަނަ ޑޯޒް ދޭތާ ދެ ހަފުތަ ފަހުން ކަމަށް ވެސް ބާރަތު ބައޯޓެކް އިން ބުނެފައި ވެއެވެ.

އަދި މި ވެކްސިންގެ ތިން ވަނަ ފޭސްގެ ޓްރަޔަލް އަކީ ޑަބަލް-ބްލައިންޑް ސްޓަޑީއެއް ކަމަށާއި މި ޓްރަޔަލްގެ ވޮލަންޓިއަރުންގެ ތެރެއިން 50 ޕަސެންޓް މީހުންނަށް ވެކްސިން ދޭއިރު އަނެއް 50 ޕަސެންޓަށް ދޭނީ ޕްލެސީބޯ ނުވަތަ ފޭކް ވެކްސިން ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

"ވެކްސިން ޓްރަޔަލްގައި ބައިވެރިވާ ހުރިހާ ވޮލަންޓިއަރުން ވެސް ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އުޅުމަށް މި ކުންފުނިން ވާނީ އަންގާފައި،" ބާރަތު ބައޯޓެކްގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ވިޖްގެ ފަހުން އިތުރު ބައެއް މީނިސްޓަރުން ވެސް ވޮލަންޓިއާ ކޮށްގެން ވެކްސިންޖަހާފައި ވެއެވެ. ކޮވިޑަށް ތައްޔާރުކޮށްފައިވާ 20 ވަރަކަށް ވެކްސިން މިހާރު ތިން ވަނަ ޓްރަޔަލް ފަށައި ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދެމުން އެބަ ގެންދެ އެވެ.

މިހާތަނަށް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވަނީ ފައިޒާ-ބައޯއެންޓެކްގެ ވެކްސިން އެކަންޏެވެ. މިއީ ޖާމަން ކުންފުންޏަކާއި ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ފައިޒާ ގުޅިގެން އުފެއްދި ވެކްސިން އެކެވެ. އިނގިރޭސި ވިލާތާއި ބަހްރޭނުން މިހާރު ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.