ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ފޭސް މާސްކަކީ ކޮންމެ މީހަކުވެސް ބޭރުގައި އުޅޭ ހުރިހާ ވަގުތަކު ވެސް އަޅައިގެން އުޅުން މަޖްބޫރު އެއްޗަކަށް ވަނީ ވެފަ އެވެ. މާސްކް ނާޅާ ބޭރަށް ނުކުތުމަކީ ބައެއް މީހުން ވަރަށް ކޫލް ކަމަކަށް ވެގެން ކުރާ ކަމަކަށް ވިޔަސް ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މިއީ ކުރަން ހެޔޮވާވަރުކަމެއް ކަމެއް ނޫނެވެ.
ތަޖުރިބާކާރުން އަބަދާ އަބަދު މާސްކްގެ މުހިއްމުކަން ވިސްނައި ދޭން އެ ވާހަކަ ދައްކާއިރު ވެސް ބައެއް މީހުންނަށް މާސްކުގެ މުހިއްމުކަން އެއްގޮތަކަށް ވެސް ވިސްނޭ ކަމަކަށް ނުވެ އެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މާސްކް އެޅުން މަޖްބޫރުކޮށްފައި ވީނަމަވެސް މާސްކް ނާޅާ އުޅޭ މީހުން އެހާ ގިނައީ މާސްކްގެ މުހިއްމުކަން ގަބޫލު ނުކުރެވޭތީ ކަމަށް ގަބޫލު ކުރެވެ އެވެ.
އިންޑިއާގެ ގުޖްރާތުގައި މާސްކް ނާޅާ އުޅޭ މީހުން ގިނަ ވުމުން ގުޖްރާތު ހައި ކޯޓުން މިހާރު ވަނީ ވަރަށް ވަރުގަދަ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ ފޭސް މާސްކް ނާޅާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކޮވިޑް ބަލި މީހުން ތިބޭ ސެންޓަރުތަކުގައި އެމީހުން ލައްވާ ކޮމިއުނިޓީ މަސައްކަތް ކުރުވުމަށެވެ. އަދި މި އާ ޕޮލިސީއެއް އެކުލަވާލުމަށް ހައި ކޯޓުން ސްޓޭޓް ސަރުކާރަށް ވަނީ އަންގާފަ އެވެ.
ހައި ކޯޓުގެ މި އަމުރުގައި ބުނެފައިވާ ގޮތުން މާސްކް އެޅުމުގެ ގަވާއިދާ ޚިލާފުވާ މީހުން ހިފަހައްޓާ އެމީހުންނަށް ދޭ އަދަބެއްގެ ގޮތުން ފަސް ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށް ދުވާލަކު ހަތަރެއް ނުވަތަ ފަސް ގަޑިއިރު ކޮވިޑް ބަލި މީހުން ބައިތިއްބާފައި ތިބޭ ސެންޓަރެއްގައި މެޑިކަލް ނޫން މަސައްކަތެއް ކުރުވަން ޖެހެއެވެ. އެއީ އޮތޯރިޓީއަށް ފެންނަ ކޮންމެ ކަހަލަ މަސައްކަތަކަށް ވިޔަސް ހެވެ.
މި މީހުންނަށް އަދަބު ދިނުމުގެ ގޮތުން އެ ތަންތަނުގައި އެމީހުން ލައްވާ ސާފުކުރުމާއި ހައުސްކީޕިން، ކެއްކުން، އެކި ކަހަލަ މަސައްކަތުގައި އެހީތެރިވެދިނުން، ކާން ތައްޔާޜުކުރުން، ރެކޯޑް ބެލެހެއްޓުން ފަދަ ކޮންމެ ކަމެއް ވެސް ކުރުވިދާނެ އެވެ.
ކޮމިއުނިޓީ ސާވިސް ފުރިހަމަކުރަން ޖެހޭނީ މާސްކް އެޅުމުގެ ގަވާއިދާ ޚިލާފުވުމުން ދައްކަން ޖެހޭ ޖޫރިމަނާ ވެސް ދެއްކުމާ އެކުގަ އެވެ. ކޮންމެ މީހަކަށް ވެސް ދޭ އަދަބު ކަނޑައަޅާނީ އެމީހެއްގެ އުމުރާއި ތައުލީމީ ފެންވަރު އަދި ޖިންސަށް ބަލާފަ އެވެ.