ދުނިޔެ

އެމެރިކާ: ހަރަކާތެއް ނުކުރެވޭ ބަލި މިހާ ވިހޭ މައްސަލާގައި މުވައްޒަފުންގެ ޑީއެންއޭ ހޯދަނީ

Jan 10, 2019

އެރިޒޯނާ (ޖެނުއަރީ 9) - އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ހުރި ނާސިންގް ހޯމެއްގައި، ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނުކުރެވޭ ބަލި އަންހެނެއް ވިހޭ މައްސަލާގައި، އެތަނުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ޑީއެންއޭ ޓެސްޓު ހެދުމަށް އެ ސަރަހައްދުގެ ފުލުހުން މަސައްކަތް ފަށައިފި އެވެ.

ހަސިއެންޑާ ހެލްތު ކެއާ ސެންޓަރުގެ ބެލުމުގައި ދަށުން އެ އަންހެން މީހާއަށް ފަރުވާދެމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށްވެ އެވެ.

އެ މައްސަލާގައި ޖިންސީ ގޯނާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، އެ އަންހެންމިހާ ބަލިވެ އިން ގޮތެއް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން، ފިރިހެން މުވައްޒަފުންގެ ޑީއެންއޭ ސާމްޕަލް ނެގުމަށް ފުލުހުން އެދިފައިވާކަމަށް އެ ނާސިންގް ހޯމް ހިންގާ ކުންފުނިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު މީޑިއާތަކަށް ބުނި ގޮތުގައި، އެ އަންހެންމީހާ ބަލިވެއިން ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

"އެމީހާ ކުއްލިއަކަށް އަޑުތަކެއް ލައްވަން ފެށީ، އޭރު އެއްވެސް މީހަކަށް ނޭނގެ އެމީހާއަށްވާ ގޮތެއް، ދެން ފެނުނީ އޭނާ ވިހޭތަން،" އެ އޮފިޝަލާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ އަންހެންމީހާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށާއި، އަދި ދެމައިންގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި މީޑިއާގައި ވާހަކަދައްކަން އާއިލާއިން ދެކޮޅުހަދާފައިވާއިރު، އަންހެން މީހާއަށް ލިބުނު ދަރިފުޅު އާއިލާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ލޯޔަރަކު މެދުވެރިކޮށް އާއިލާއިން ވަނީ ބުނެފަ އެވެ.

އެ މައްސަލައާއި ގުޅިގެން، އެ ކުންފުނީގެ ސީއީއޯ އިސްތިއުފާދީފައިވާއިރު، ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި އެހެން ބަލިމީހުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި އަންހެން ޕޭޝަންޓުންގެ ކޮޓަރިއެއް ފިރިހެން މުވައްޒަފެއް ވަންނަ އިރު، އަންހެން މުވަންޒަފާއެކީ ނޫން ގޮތަކަށް ނުވަދެވޭ ގޮތަށް އުސޫލެއް ގާއިމުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.