ރިޕޯޓް

ހދ. ގެ ވެރިކަން ހޯދަން ރަށު ވާދަވެރިކަން!

މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އައި ހާލަތެކެވެ؛ ހދ. ކުޅުދުއްފުއްޓަށް 10،000 އާބާދީއެއް ލިބި އެ ރަށަށް ސިޓީއަކަށް އަންނަ މަހު ބަދަލުވާއިރު އިދާރީ ގޮތުން ހދ. އަތޮޅުން އެ ރަށް ނެއްޓިގެން ދާނެ އެވެ. ގާނޫނުގައިވާ ގޮތުން އަތޮޅު ވެރިކަން ކުރާނެ އާ ރަށެއް ކަނޑައަޅަން ޖެހޭނެ އެވެ. ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޅުދުއްފުއްޓަށް ލިބިފައިވާ ތަރައްގީތަކަށް ބަލައި، އަތޮޅުގެ އެހެން ގިނަ ރަށްތައް ވެސް ތިބީ އެކަމަށް ފެންބޮވައިގެންފަ އެވެ. އެކަމުގެ ވާދަވެރިކަން މިހާރު ވަނީ ބޮޑުވެފަ އެވެ.

ހދ. އަތޮޅުގެ ވެރިކަމަކީ މީގެ ކުރިން ވެސް ބަދަލުވެފައިވާ ކަމެކެވެ. އެންމެ ފުރަތަމަ އަތޮޅު ވެރިކަން ކޮށްފައިވަނީ ބިމުގެ ގޮތުން ބޮޑު ނޮޅިވަރަމްފަރުގަ އެވެ. ނަމަވެސް ހިތްފަސޭހަ ގޮނޑު ދޮށެއް އޮންނަ ނޮޅިވަރަމްފަރުގެ އާބާދީ ކުޑަވެ، ކުޅުދުއްފުށީގެ އާބާދީ ސުޕީޑްގައި އިތުރުވާތީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް އަތޮޅުގެ ވެރިކަން ބަދަލުކުރީ އެވެ.

އަލުން ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށެން ކައިރިވެފައިވާއިރު އެކަމަށް އެންމެ ބޮޑަށް ފައި ނަގާފައިވަނީ ނޮޅިވަރަމްފަރުންނެވެ. އެ ރަށަކީ މިހާރު އިތުރު ތިން ރަށެއްގެ ރައްޔިތުން ވެސް ދިރިއުޅުމެން އަންނަ ރަށެކެވެ. އެއީ މާވައިދޫ އާއި ކުނބުރުދޫ އަދި ފަރިދޫގެ ރައްޔިތުންނެވެ. އެހެންވެ، ނޮޅިވަރަމްފަރުގެ އާބާދީ މިހާރު އަންނަނީ ބޮޑު ތަނުން އިތުރުވަމުންނެވެ.

ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އަތޮޅުގެ ވެރިކަން އެ ރަށަށް ލިބެން ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެހެންވެ އެކަމުގެ ޝައުގުވެރިކަން އެ ރަށު ކައުންސިލުން މިހާރު ކަމާބެހޭ ފަރާތްތަކުގައި ވަނީ ފާޅު ކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ރަށަކަށް ނޮޅިވަރަމްފަރު ހަދަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެ ރަށަކީ މުސްތަގުބަލުގައި ވެސް ބޮޑު އާބާދީއަކަށް ދިރިއުޅެވޭނެ ރަށަކަށްވާތީ އެވެ. ނޮޅިވަރަމްފަރަކީ އަތޮޅުގެ ވެރި ރަށަށް ހެދުމަށް ވަރަށް އަވަހަށް ކެމްޕެއިނެއް ފަށާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެ އެވެ.

މި ކަމުގައި ނޮޅިވަރަމްފަރާ އެންމެ ބޮޑަށް ވާދަކުރަނީ ހަނިމާދޫ އެވެ. ހަނިމާދޫއަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށެކެވެ. އެހެންވެ، އަތޮޅުގައި ކުޅުދުއްފުށީ ނަގާފައި އުމްރާނީ ގޮތުން އެންމެ ތަރައްގީ ރަށަކީ ހަނިމާދޫ އެވެ. އާބާދީގެ 2،200 މީހުން ތިއްބަސް އެ ރަށުގައި 3،000 އެއްހާ މީހުން ދިރިއުޅެ އެވެ. އެއާޕޯޓާއި އެ ރަށުގައި ހަދާފައިވާ ސިޓީ ހޮޓެލްގައި ވަޒީފާ އަދާކުރާ މީހުން ގިނަ އެވެ. އޭގެ އިތުރުން ވެސް ކަސްޓަމްސް، އިމިގްރޭޝަން، ޕޯސްޓް ފަދަ ހިދުމަތްތައް ވެސް ހަނިމާދޫގައި ލިބެ އެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް އަލީ ވިދާޅުވި ގޮތުގައި ހަނިމާދޫއަކީ ކުޅުދުއްފުށި ފިޔަވައި އެންމެ ގިނަ މީހުން ދަތުރުކުރާ ރަށެވެ. އެންމެ ގިނަ ވަސީލަތްތައް ވެސް ހުރި ރަށެވެ. އެހެންވެ އެ ރަށުގެ ރައްޔިތުންގެ ގަބޫލުކުރާ ގޮތުގައި ސިޓީއަކަށް ކުޅުދުއްފުށި ބަދަލުވުމުން އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ވާން ޖެހޭނީ ހަނިމާދޫ އެވެ. އިތުރަށް ވެސް ވަޒީފާ އުފެދި، ތަރައްގީ ކުރެވޭނެ ރަށަކަށް ހަނިމާދޫ ވާނެތީ އެވެ. ވެރިކަން ކުރާ ރަށެއްގެ ގޮތުގެ ހަނިމާދޫ ހަދަން އެ ރަށުން ވަނީ ތައްޔާރުވެފައެވެ.

ކުޅުދުއްފުށި ނަގާފައި ހދ. އަތޮޅުގައި ދެން އެންމެ އާބާދީ ބޮޑު ރަށަކީ ކުޅުދުއްފުއްޓާ ކައިރީގައި އޮންނަ ނޮޅިވަރަމެވެ. ރަށުގެ އާބާދީއަކީ 2،600 އެވެ. އެހެންވެ، އެ ރަށަކީ ވެސް ވެރިކަން ކުރާ ރަށުގެ ޝަރަފު ހޯދަން ފައި ނަގާފައިވާ ރަށެކެވެ. އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އާބާދީއަށް ބެލި ކަމަށްވިޔަވެސް އަތޮޅުގެ ވެރިކަން ދެން އޮންނަން ޖެހޭނީ ނޮޅިވަރަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ގުދުރަތީ ވަސީލަތްތައް މަދެވެ. އެހެންވެ، ތަރައްގީގެ ގޮތުން ގިނަ ވަސީލަތްތަކެއް ނޮޅިވަރަމަށް ހައްގެވެ. ވެރިކަން ކުރާ ރަށްތަކަކީ ސަރުކާރުތަކުން ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރާ ރަށްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަންކަން ހާސިލު ކުރުމަށް ކައުންސިލުން ގަދައަޅާ މަސައްކަތް ކުރާނެ އެވެ.

ދެން މި ލިސްޓަށް އަންނަ ރަށަކީ ރާއްޖޭގެ އެހެން ރަށްތަކުގެ ހުޅަނގުން ރަށްތަކާ ނެއްޓި އެކަހެރިކޮށް އުފެދިފައިވާ މަކުނުދޫ އެވެ. އަތޮޅުގެ ރަށެއްގެ ގޮތުގައި އޮތް ނަމަވެސް ޖިއޮގްރަފީ ގޮތުން އެއީ ވަކިން އޮންނަ އަތޮޅެކެވެ. އެ ރަށުގައި އޮންނަ ބޮޑު ފަޅުގެ ދިގުމިނުގައި 17.2 ނޯޓިކަލް މޭލް ހުރެ އެވެ. ރ. އަތޮޅުގެ ރަށްތަކާ ދާދިގާތަށް ފަޅުގެ ދިގުމިން ގޮސްފައިވެ އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވި ގޮތުގައި، އަތޮޅު ވެރިކަން ކުރާ ރަށެއްގެ ގޮތުގައި މަކުނުދޫ ހެދުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް އެދޭ، މާބޮޑަށް ވެސް ބޭނުންވާ ކަމެކެވެ.

ކުޅުދުއްފުށި ފިޔަވައި އެންމެ ގިނަ މީހުން ދަތުރުކުރަނީ ހަނިމާދޫއަށް. ގިނަ ވަސީލަތްތައް ވެސް ހުރީ މިތާނގައި. އެހެންވެ ރައްޔިތުންގެ ގަބޫލުކުރާ ގޮތުގައި ސިޓީއަކަށް ކުޅުދުއްފުށި ބަދަލުވުމުން އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ވާން ޖެހޭނީ ހަނިމާދޫ
އަބްދުލް ސަލާމް | ހަނިމާދޫ ކައުންސިލްގެ ރައީސް

ވެރިކަން ކުރާ ރަށްރަށުގެ އަސާސީ ހިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދެ އެވެ. މަކުނުދޫއަށް އެ ފުރުސަތު ހޯދައި ހިދުމަތްތައް ރަނގަޅު ކުރުމަށް އެ ރަށުގެ ރައްޔިތުން އެދެ އެވެ.

އާބާދީގައި 1،834 މީހުން ދިރިއުޅޭ މަކުނުދޫއަކީ ވަކިން އޮންނަ ރަށަކަށްވުމުން އެ ރަށަށް ވެރިކަން ބަދަލު ކުރުމަކީ އެހެން ރަށްރަށުން ގަބޫލުވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ކުޅުދުއްފުށި ނުހިމަނައި މީހުން ދިރިއުޅޭ 12 ރަށް އެބަ އޮތެވެ. އާބާދީގެ ގޮތުން މާބޮޑު ނޫން ނަމަވެސް، އޭގެ ތެރެއިން ބައެއް ރަށްރަށުގެ ޝައުގުވެރިކަން ވެރިކަން ކުރާ ރަށަށް ވާން އެބަ އޮތެވެ. އޭގެ ތެރޭގައި ދީނީ ތައުލީމްގައި ފާހަގަ ކޮށްލެވޭ ވައިކަރަދޫ ހިމެނެ އެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި އެއީ އެ ރަށުގެ ރައްޔިތުން ވެސް ބޭނުންވާ ކަމެކެވެ. އެ ރަށަކީ އަތޮޅުގެ މެދު ތެރޭގައި އޮތް ފަސޭހައިން ދަތުރު ކުރެވޭ ރަށަކަށްވާތީ އެވެ. ވައިކަރަދޫގެ އާބާދީ 1،855 މީހުނަށް އަރަ އެވެ.

އަތޮޅުގައި ދެން މީހުން ދިރިއުޅޭ ރަށްތަކަކީ ކުމުންދޫ އާއި ނޭކުރެންދޫ އާއި ނެއްލައިދޫ އާއި ނާވައިދޫއާއ ހިރިމަރަދޫ އާއި ކުރިނބި އަދި ފިނޭ އެވެ.

ރާއްޖޭގެ އުތުރުގައި ފުރަތަމަ ފަހަރަށް ސިޓީއެއް އުފަންވެގެންދާއިރު، އެ ސަރަހައްދަށް އަންނަ ބަދަލުތަކާއި ރަށްތަކުގެ މެދުގައި އުފެދިގެން ދާނެ ވާދެވެރި ކަމަކީ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ޝައުގުވެރި މަންޒަރުތަކަކަށް ވެގެންދާނެ އެވެ. އަދި، ވެރިކަން ކުރާ ރަށެއް ހޮވުމުގައި ސަރުކާރުން އަމަލު ކުރާނެ ގޮތަކީ ވެސް މިހާރު އިންތިޒާރު ކުރެވޭ ކަމެކެވެ.

މީގެ ކުރިން އައްޑޫ އަތޮޅާއި ފުވައްމުލައް، ސިޓީއަކަށް ހެދިއިރު މި ހާލަތު އައިސްފައިނުވަނީ އޭރު ސިޓީއަކަށް ހަދާފައިވަނީ މުޅި އަތޮޅު ކަމަށްވާތީ އެވެ. އުތުރުގެ ފުރަތަމަ ސިޓީ ވެގެން ދާނީ ވަކި ރަށެއް ސިޓީއަކަށް ވެގެންދާ ވެސް ފުރަތަމަ ފަހަރަށެވެ.