ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އުތުރު ދަތުރުފުޅު ނިންމާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޮޑު ތިލަދުންމަތީ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ ތިން ސްކޫލުގެ އިސްވެރިންނާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި، ބައްދަލުކުރެއްވެ ވިއެވެ.

މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވަނީ ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފަ އެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސް ދެކަނބަލުން ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސް ވަނީ ހދ. ކުމުންދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

އަދި މީގެ އިތުރުން އެދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910