ފަޒްނާ އަހުމަދު

"ރަށުގެ ތަރައްގީއަށް އެންމެންގެ ހިޔާލު ހޯދުން މުހިންމު"

ރަށުގެ ތަރައްގީ އަށް ރައްޔިތުންގެ ހިޔާލު ހޯދައި އެމީހުން ބޭނުންވާ ކަންކަން ރަށުގައި ކުރިއަށް ގެންދިއުމަށް އިސްކަން ދޭން ރައީސުލްޖުމުހުއްރިޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ ހަނިމާދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެކު ހަނިމާދޫގައި ހުންނަ ބެއަފޫޓް ހޮޓެލްގައި މިއަދު އޮތް ބައްދަލުވުމުގަ އެވެ.

ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް މެޑަމް ފަޒްނާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ހަނިމާދޫ އަންހެނުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކަސްރަތުކުރާ އަންހެން އިންސްޓްރަކްޓަރެއް ހޯދުމާއި، އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

މިބައްދަލުވުމުގައި މެޑަމް ފަޒްނާ ވިދާޅުވީ ރަށުގެ ތަރައްގީގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިއްމު ކަމަށާއި، އެންމެންގެ ހިޔާލު ހިމެނޭނެހެން އެމީހުން ބޭނުންވާ ކަންކަން ރަށުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"ކަންކަން ކުރިއަށް ގެންދެވެން ހުރި މަގުތައް ދެނެގަނެ އެކަންކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރަން ޖެހޭ. ކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާނަން" ފަޒްނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީ އެވެ. އަދި، އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ.