ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިރަސްމިއްޔާތު އޮންނާނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ރައީސް ސޯލިހް އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ކޮމަންވެލްތު ގައުމުގެތަކުގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ރާނީ އެލިޒަބަތުގެ ޖާނާޒާގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.