ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް ފުރާވަޑައިގެންފި

May 27, 2023
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މި ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހްގެ ދެކަނބަލުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދޫއަށެވެ. އޭގެފަހުން އެއަތޮޅު ދަރަނބޫދޫ އަށާއި، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވަޑައިގަންނަވާނެ އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ.

މިގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެ އެވެ.