ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާނީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

އިނގިރޭސި ރާނީ އެލިޒަބަތު IIގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސޮއިކުރައްވައިފި އެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު II ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގަ އެވެ.

އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް މި ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު II މުޚާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފަ އެވެ.

ރާނީއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއްކަން ވަނީ އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފާހަގަކުރައްވާފައެވެ.

އުމުރުފުޅުން 96 އަހަރުފުޅުގައި ރާނީ އަވަހާރަވީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފަ އެވެ.

ރާނީ އެލިޒަބަތު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ލަންޑަންގަ އެވެ. ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.