އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ||ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރާނީގެ ޖަނާޒާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސިވިލާތުގެ ދައުވަތަކަށް ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެވަރުގެ ހަރަދެއް ނުދާނެ ކަމަށެވެ. އަދި އާންމުކޮށް ރައީސް ސޯލިހް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވާ ރަސްމީ ބައްދަލުވުންތައް މިދަތުރުފުޅުގައި ނޯންނާނެތީވެ ކުރާ ހަރަދުތައް ކުޑަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
އުމުރުފުޅުން 96 އަހަރުފުޅުގައި ރާނީ އަވަހާރަވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ރާނީ އެލިޒަބަތު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ލަންޑަންގަ އެވެ.
ރާނީ އަވަހާރަވުމުން ރާއްޖޭގައި ގައުމީ ހިތާމައިގެ ތިން ދުވަސް ވެސް ފާހަގަކޮށްފައިވެ އެވެ.
އިނގިރޭސި ރާނީ އެލިޒަބަތުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އިއްޔެ ސޮއިކުރައްވާފަ އެވެ.
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގަ އެވެ.
އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް މި ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތުއަށް މުޚާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފަ އެވެ.