އަންހެނުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫއްރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިއަދު ހެނދުނު ކުރެއްވި ބައްދަލުކުރުމުގަ އެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އޮފީހުގަ އެވެ.
ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންތައްތައް ފަޒްނާއަށް ހިއްސާކުރައްވާފަ އެވެ. އެގޮތުން ކުޅުދުއްފުށީގެ އަންހެނުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ ގޮތެއް ހަމަޖައްސައި ދިނުމާއި ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދެވެން އޮތް ފުރުސަތު ހަނި ކަން ފާހަގަކޮށް އެކަން ފުޅާކޮށްދިނުމަށާއި މަތީ ތައުލީމު ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކޮށް ދިނުމަށް އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިމަގެއް ހޯދޭނެ މަގުތައް ވިދާޅުވެދެއްވާފައެވެ.
"ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ. ވަކި ސިޔާސީ ކުލައަކަށް ބެލުމެއް ނެތި ރަށުގެ ހުރިހާ އަންހެނުންގެ ހިޔާލުތައް އެއްކޮށް އެޔާއެއްގޮތް ވާގޮތުގެ މަތީން ޕްލޭންއެއް އެކުލަވާލައި އެ ޕްލޭންގައި ހުރިކަންކަން ހަހީގަތަކަށް ހެދުމަށް ވަކި ވަކި މުވައްސަސާތަކާއި ގުޅިގެން ކުރިއަށް ދާން ޖެހޭ،" ފަޒްނާ ވިދާޅުވި އެވެ.