ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ބޮޑުތިލަދުންމައްޗަށް އޮތީ އިގްތިސޯދީ ބޮޑު ތަސައްވުރެއް"

ބޮޑުތިލަދުންމައްޗަށް އިގްތިސޯދީ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅު ވެއްޖެ އެވެ.

އެމްޑީޕީގެ ކެންޕެއިން ޓީމުތަކާ ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހދ. އަތޮޅުގެ ކައުންސިލްތަކަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ ކެންޕެއިން ޓީމުތަކާއެކު ރޭ ބޭއްވި ބައްދަލްވުމުގައި ރައީސް ވިދާޅުވީ ހދ. އަތޮޅަށް ވަރަށް ބޮޑު އިގްތިސޯދީ ތަސައްވުރެ އެބައޮތް ކަމަށެވެ.

އޭގެ މުހިންމު މަސައްކަތަކީ މިހާރު ވެސް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮތް ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓް ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށާ އެ މަސައްކަތް ޖުލައި /އޯގަސްޓްގައި ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެބައޮތް ބޮޑުތިލަދުންމައްޗާބެހޭ ގޮތުން ވަރަށް ބޮޑު އިގްތިސޯދީ ތަސައްވުރެއް. އޭގެ ތެރެއިން ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް މި ކުރަނީ. އެ ކުރާއިރުގައި އެއާޕޯޓް ފީޒިބަލް ކުރުމަށްޓަކައި ދެކޮޅު ޖެއްސުމަށް ވިޔަފާރިތަކެއް އެބަ އުފައްދަން ޖެހޭ. އެގޮތުން އެންމެ މުހިންމު އެއް ދާއިރާއަކީ ޓޫރިޒަމް،"

ރައީސް ވިދާޅުވީ އެއާޕޯޓާއެކު ހދ. އަތޮޅަށް ގެސްޓްހައުސްގެ ޑިމާންޑް ވަރަށް ބޮޑުވާނެ ކަމަށާ އެ މަސައްކަތް ފުޅާ ކުރުމަށް ސަރުކާރުން ގެސްޓްހައުސްތައް އެޅުމަށް ލޯނު ދޫކުރާނެ ކަމަށެވެ. އަދި ހދ. ގައި ޓޫރިޒަމް އިތުރަށް ފުޅާކުރަން ރިސޯޓް ހަދާނެ ރަށްތަކެއް ކަނޑައަޅާފައިވާ ކަމަށާ އެ މަސައްކަތް ވެސް ކުރިއަށްދާނެ ކަަމަށެވެ.

"އަޅުގަނޑަށް އެނގިފައިވަނީ ރިސޯޓް ހަދަން ރަށްތައް ހޯދުމަށް ވަރަށް ބޮޑަށް ދަތިވެފައި ވަނީ. އެއަށްވުރެ ގެސްޓްހައުސްއަށް ގޮސްފިއްޔާ ރަނގަޅުވާނެ ކަމަށް ފެނޭ. އެހެން ނަމަވެސް ރިސޯޓް ހަދަން އެކަށީގެންވާ ރަށްތަކެއް ހަމަޖެއްސޭތޯ އަޅުގަނޑުމެން ބަލާނަން،"

މީގެ އިތުރުން ސަރުކާރުން ފަށާ ހައިސްޕީޑް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށޭނީ ތިލަދުންމަތީގައި ކަމުން އެ ހިދުމަތް ފެށުމާއެކު ބޮޑު ބަދަލެއް ފެންނާނެ ކަމަށްވެސް ރައީސް ރޭ ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ދެ އަހަރު ހދ. އަތޮޅަށް ސަރުކާރުން ކޮށްދެއްވި ބައެއް މަސައްކަތްތައް ވެސް ތަފްސީލު ކޮށްދެއްވާފަ އެވެ. އެގޮތުން މިދިޔަ ދެ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 367 މިލިއަން ހަރަދުކޮށްފައިވާއިރު ހދ އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ 624 ދަރިވަރަކު ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ މުއްދަތުގައި ހދ އަތޮޅަށް ނިސްބަތްވާ މީހުންނަށް އިންކަމް ސަޕޯޓް ގޮތުގައި 11 މިލިއަން އަދި އެސްއެމްއީ ލޯނުގެ ގޮތުގައި 25 މިލިއަން ދޫކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި 106 މިލިއަން ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.