ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް އެއްވެސް މަޝްރޫއެއް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާތީ، އެ ވައިރަސް ރާއްޖެ އިން ފެނިދާނެ ކަމުގެ ބިރު ވަރަށް ބޮޑު އެބަ އޮތް ކަމަށެވެ. އެ ކަމަށް ތައްޔާރުވާން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެހެން ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ކުރިއަށް ގެންދަން ރާވާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މަޑުޖައްސަން ނުވިސްނަވާ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތގް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[ކޮރޯނާއާ ގުޅިގެން] އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ރަށްރަށުގެ ތަރައްގީއަށްޓަކައި މި އަހަރަށް ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސް ޖައްސައިި ނުލައި އެކަން ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގައި ކުރިއަށް ގެންދަން ގިނަ މަޝްރޫއުތަކެއް ރާވާފައި އެބަ ހުރި ކަމަށާއި އެ ކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރެވެން އަންނަނީ އެމްޑީޕީއަށް އެ ކަން ކުރަން ފުރުސަތު ދީގެން ކަމަށެވެ.