ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިދިޔަ އަހަރު ޕީއެސްއައިޕީއަށް 8.8 ބިލިއަން ރުފިޔާ ހަރަދުކުރި: ރައީސް

Mar 31, 2021

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ހަރަދުތަކެއް ކުރަން ޖެހުނު ނަމަވެސް މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް އޮންލައިން ބައްދަލްވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ށ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބޭއްވި މި ބައްދަލްވުމުގައި ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ގިނަ ހަރަދުތަކެއް ކުރަން ޖެހުނު ނަމަވެސް ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދެވުނު ކަމީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

މިދިޔަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާ މިހާތަނަށް 10،000 ވުރެ ގިނަ ދަރިވަރުން ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 17،147 މީހަކަށް 259.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާ 628 މީހަކަށް އެސްއެމްއީ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ނާސްތާ ޕްރަގްރާމް މެދުކަނޑާލުމާ ހަމައަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުން ފޯރުކޮށްދިން އެހީތެރިކަމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ބޮޑު އެހީތެރިކަމަށްވީ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ހަރަދުތަކެއް ކުރަން ޖެހުނު ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުނު ކަމީ ކާމިޔާބެއް ކަމަަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިހާބަކީ ބޮޑުތަނުން އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކޮށް އަޅުގަނޑުމެން މިވެފައި އޮތް ވައުދުތައް ފުރިހަމަ ކޮށްދިނުމުގައި ހާއްސަކޮށް ލާމަރުކަޒީ ނިޒާމު ފުރިހަމަ ކޮށްދިނުމުގައި ވަރަށް ބޮޑު ކާމިޔާބެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ މި އިންތިހާބު ކާމިޔާބު ކުރެވުމާއެކުގައި،" ރައީސް ވިދާޅުވިއެވެ.

ރޭގެ ބައްދަލްވުމުގައި ރައީސް ވަނީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ލަވަ އިފްތިތާހުކޮށް ކޮށްދެއްވާ ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރި ވެބްސައިޓް ލޯންޗު ކޮށްދެއްވާފައެވެ.