އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ އެމްޑީޕީގެ ނިޔަތް މާ ބޮޑު ކަމަށާ އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން "ރަށްވެހި ފަތިސް" ރީލޯންޗިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މައްޗަށް ހިންގަމުން ދިޔަ "މުރަނަ" ވެރިކަން ބަދަލުކޮށް އޯގާތެރި ވެރިކަމެއް އުފެއްދީ އެމްޑީޕީން ކަމަށާ ލާމަރުކަޒީ ނިޒާމާ އެންމެ ރަހުމަތްތެރި ވިސްނުން އޮތީ އެމްޑީޕީގައި ކަމަށެވެ. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ އެމްޑީޕީގެ ނިޔަތް މާބޮޑު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުމަކީ އެމްޑީޕީގެ ވިސްނުން ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ފަހު އިންތިހާބު ކުރެވޭ ކައުންސިލަރުންނާއެކު އެމްޑީޕީގެ ހަގީގީ ތަސައްވުރު ތަންފީޒު ވެގެންދާނެ ކަމަށެވެ.
"ލާމަރުކަޒު ނުވެ އޮތުމުން އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލު ކުރަމުންދާ ތަކުލީފުތައް އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާއި އެ ތަޖުރިބާ އަޅުގަނޑުމެން މި ތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،"
ރައީސް ވިދާޅުވީ ލާމަރުކަޒީ ކުރުމުގެ މުހިންމުކަން އެންމެ ބޮޑަށް ހާމަވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމުގެ މުހިންމުކަން މިހާރު ކަށަވަރު ވެއްޖެ ކަމަށެވެ. ރައީސް ވަނީ ސިއްހީ ނިޒާމުގެ ތަރައްގީއަށް ހާއްސަކޮށް އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
"ކާމިޔާބު މައިބަދައިގެ އޮޕަރޭޝަން އައްޑޫގައި ކުރެވިއްޖެ. ކުޅުދުއްފުށީގައި ކަކުލުހުޅު ބަދަލު ކުރެވިއްޖެ. ކުރީން އޮތް ޝައްކުވެސް މުޅީން ފިލާ ހިނގައްޖެ. ލާމަރުކަޒު ކުރުން ނޫން އެހެން ގޮތެއް ނެތިއްޖެ. އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ،" ރައީސް ވިދާޅުވިއެވެ.