މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުގައި ގިނަ މަަސައްކަތްތަކެއް ކުރެވިފައިވާ ކަމަަށާ ކައުންސިލް އިންތިހާބުގެ ކެންޕެއިންގެ އެއް އަމާޒަކަށްވާންވީ ދާއިރާތަކަށް ކޮށްދެއްވިފައިވާ ކަންކަން ހާމަކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި އިންނަވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރަައީސް ވިދާޅުވީ ކައުންސިލަށް އިންތިހާބަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. ނަމަވެސް ސަރުކާރުގައި ތިބެ އިންތިހާބަކަށް ނުކުންނައިރު ކޮށްދިނީ ކޮން ކަމެއްތޯ ރައްޔިތުން ސުވާލު ކުރާނެ ކަމަށެވެ. ދާއިރާތަކަށް ރަށްތަކަށް އަދި ސިޓީއަކަށް ކޮށްދިނީ ކޮންކަމެއްތޯ ވެސް ރައްޔިތުން އަހާނެ ކަމަށެވެ.
"މި ސުވާލުތަކަށް އަޅުގަނޑުމެންގެ އަތުގައި ޖަވާބު އެބަހުރި. މިވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ދަތި އުނދަގުލުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ދާއިރާގައި ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އިންތިހާބުގެ ތެރޭގައި މި ކެންޕެއިންގެ ތެރޭގައި އަޅުގަނޑުމެންގެ އެއް އަމާޒަކަށްވާންވީ ދާއިރާތަކަށް އަޅުގަނޑުމެންނަށް ކޮށްދެވިފައިވާ މި ހުރި ކަންތައްތައް ހާމަކޮށް ދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 75 ޕަސެންޓަށްވުރެ އިތުރަށް އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ އަންދާޒާއަކީ 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުން ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްވަމުން ގޮސް އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅިފައިވާއިރު މިއީ ބަލިމަޑުކަމުގެ ހާލަތެއް ކަމުން އިންތިހާބުގެ ކެންޕެއިނަށް ހުރަސްތަކެއްވެސް އެބަހުރި ކަމަށެވެ.
"އެހެން ނަަމަވެސް އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ. އެއީ ރިޔާސީ އިންތިހާބުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވިޔަސް އަދި ލޯކަލް ކައުންސިލް އިންތިހާބު ވިޔަސް އެތެރޭގެ އިންތިހާބަކަށް ވިޔަސް. އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރަށް. މިއީ އިންތިހާބުތަކަށް ވަރަށް ފަރިތަ ޕާޓީއެއް،" ރައީސް ނަޝީދު އަރިހުގައި އިންނަވާ ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރަައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެންޕެއިނަށް ވަގުތު ހުސްކުރަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާ ސަރުކާރުގެ ވަޒީރުންނާއި ވެރިން ތިއްބެވީ ކޮންދެއްވަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވަން ތައްޔާރަށް ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.