ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާނަން: ރައީސް

Apr 11, 2021

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަލައިގަނެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރައީސް މިކަމުގެ ޔަގީންކަން ދެއްވާފައި މިވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ ނެރުއްވި ބަޔާނެއްގަ އެވެ.

ރައީސް ވިދާޅުވީ ނިމިގެން ދިޔަ ދެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންތިހާބު ފަސްވުމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި 2264 ކެންޑިޑޭޓުން ވާދަކުރި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1670 ކެންޑިޑޭޓުން ވާދަކުރި އެވެ.

އިންތިހާބުގެ ހުރިހާ ކަމެއްވެސް ޖުމްލަ ގޮތެއްގައި އިންތިޒާމު ކުރެވިފައި ހުރީ ރަނގަޅަށް ކަމަށް މި އިންތިހާބު އޮބްޒާވް ކުރި ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ.