ހަތެއް

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ބައިވެރި ވަޑައިގެން ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކޮންފެރެންސްގެ ބައިވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ސަރުކާރުން ކަނޑައަޅައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ކައުންސިލަރުންނަށް ދޭނެ މުސާރައެއް ސަރުކާރުން ކަނޑައަޅައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އޭގެ ފަހުން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދެއް ފާސް ކުރަނީ މަޖިލީހުންނެވެ.

ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.

މިއީ މި ސަރުކާރު އައި ފަހުން މަޖިލީހުން ސިޓީ ކައުންސިލަރުންގެ މުސާރައަށް ފާސްކޮށްފައިވާ އަދަދުތަކެވެ. އޭގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަނީ މޭޔަރުންގެ މުސާރަ 18،000 ރުފިޔާއަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ވަނީ 11،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.

ރަށު ކައުންސިލަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާ އިން 23،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 12،000 ރުފިޔާ އިން 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މެންބަރުންގެ މުސާރަ ވަނީ 10،000 ރުފިޔާއިން 12،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ރަށު ކައުންސިލްގެ ރައީސުންނަށް މުސާރަ ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު، މިހާރު ކައުންސިލްތަކުގެ އެކުލެވުން އޮންނަ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނަކީ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނެވެ. އެހެންކަމުން ރަށު ކައުންސިލްތަކުގެ ރައީސުން ރަށު ކައުންސިލާއެކު އެ އަތޮޅެއްގެ ކައުންސިލްގައި ވެސް މަސައްކަތް ކުރާނެ އެވެ.