ލަކްސްގެ އާ ރިސޯޓް؛ ފޫހިނުވެ 24 ގަޑިއިރު!

ލަކްސް ނޯތު މާލެ އެޓޯލުން: މުހައްމަދު އަފްރާހު
Feb 4, 2019
ލަކްސްގެ އެންމެ ފަހުގެ ރިސޯޓުގެ ވީޑިއޯއެއް

މާދުރުން ހުދު ބޯކިރު ކޮޅެއްގެ ސިފައިގައި ފެންނަނީ ހުދު ދޮންވެލި ބީޗެއް ނޫނެވެ. ހުދު ކުލައިގެ ރީތި އެހާ ފުރިހަމަ އިމާރާތް ތަކެކެވެ. ރާއްޖޭގެ އެހެން ރަށެއްގެ މަލަ މަތިން ނުފެންނާނެ ކަހަލަ މަންޒަރެކެވެ. ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި ބޭނުން ކުރި އޮޅަހަލީގައި ތަރައްގީކޮށް ހުޅުވި "ލަކްސް ނޯތު މާލެ އެޓޯލް" އަކީ މިހާރު ރާއްޖޭގައި ހިދުމަތްދޭ އެންމެ ފެންވަރު ރަނގަޅު އެއް ރިސޯޓެވެ. ދިވެއްސެއްގެ ހުނަރުވެރި ސިކުނޑިން ކުރަހައިލި މި ރަށުގެ ކޮޓަރިތަކާއި ވިލާތަކުގެ އެތެރެ ފުރި ހަމަކޮށްލީ ސިންގަޕޫރުގެ އިމާރާތް ކުރެހުންތެރި ކުންފުންޏަކުންނެވެ. ފަސްދޮޅަސް ހަތް ވިލާގެ ނުވަތަ ރެސިޑެންސްގެ ހުންނަ މި ރިސޯޓަކީ "ލަކްސް" ގެ ލައިފް އެންމެ ފުރިހަމައަށް ފެންނާނެ އެއް ތަނެވެ. މި ރިސޯޓަށް އަންނަ މީހާއަށް އިހުސާސް ކުރެވޭނީ ތިމާ މިހުރީ އަމިއްލަ ގޭގައި ކަމެވެ. މިތަނުން ލިބޭ ހިދުމަތްތަކުން އިހުސާސް ކުރެވޭނީ އުފާވެރިކަމެވެ. ހިތްހަޖެހުމާއި ކަމޭ ހިތުމެވެ.

"މިއީ ތިބޭފުޅުންގެ ތަން. މިއޮތީ ފޯނު. ކަމެއް ބޭނުންވެއްޖެނަމަ މި ފިތައް ފިއްތާލާ. އަޅުގަނޑު ހާޒިރުވެ ހުންނާނަން. އެއްވެސް ކަމެއް ބޭނުންވެގެން ނުބުނެ ނުހުންނާތި،" އަހަރެންނާ މި ރިސޯޓުން ހަވާލުވި ބަޓްލަރު ސްވިޒަލޭންޑްގެ ކެވިން ހިނިތުން ވެލާފައި ބުނެލި އެވެ.

މިއީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓެވެ. "ލަކްސް" ގެ އެންމެ މަތީ ފެންވަރުގެ ހިދުމަތްދޭ ގޮތަށް ހުޅުވި މި ރިސޯޓުގެ ކޮންމެ ތަނެއް ވެސް ހަދާފައިވަނީ މި ހިދުމަތަށް ފައްކާ ކޮށްގެންނެވެ. މިތަނުގައި ވިލާތަކާއި ސްޕާ އަދި މޫދު ކުޅިވަރުތަކާއި ރެސްޓޯރެންޓްތައް ވެސް ފަރުމާ ކުރުމުގައި ފުރަތަމަ އަސާސްއަކީ ހިދުމަތް ރަނގަޅު ކުރުމެވެ.

"މިއީ މި [2019] ވަނަ އަހަރު ރާއްޖޭގައި ހުޅުވާނެ އެންމެ ހިތްގައިމު ރިސޯޓު. ހަމައެކަނި ތަނެއް ނޫން ފުރިހަމަ ވާނީ ހިދުމަތްތައް ވެސް ލަކްސްގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ،" މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާ ރިސޯޓާ ބެހޭ ގޮތުން ވިދާޅުވި އެވެ.

މި ރިސޯޓު ފަރުމާ ކުރުމުގައި ދެ ބައެއް ވަނީ ގުޅުވާލާފަ އެވެ. އެއީ ޒަމާނީ ޓެކްނޮލޮޖީ އާއި ރާއްޖޭގެ މާހައުލެވެ. ޖަޒީރާ ވަންތަކަން ނުގެއްލޭނެ ގޮތަކަށެވެ. މިގޮތުން އާއްމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުގެ ކޮޓަރިތަކާއި ތަފާތުކޮށް މިތަނުގެ ކޮންމެ އިމާރާތެއް ވެސް ހަދާފައިވަނީ މޮޑާން ފީލެއް އިހުސާސް ކުރެވޭނެ ގޮތަށެވެ. ހުރިހާ އިމާރާތެއް ފެންނަނީ ހުދުކޮށެވެ. ހުރިހާތަނެއްގައި ހުދުކުލަ ލަފައި ހުރިއިރު، ބައެއް އިމާރާތްތަކުގެ މަތީގައި ގަސް އިންދާފައި ހުއ ނަމަވެސް ރާއްޖޭގެ މާހައުލާއި ބީރައްޓެރި ނުވާނެ ގޮތް ބަލައިގެންނެވެ.

67 އަމިއްލަ ގެ!

ރިސޯޓުގެ އެންމެ ހާއްސަ އެއް ތަނަކީ މި 67 ވިލާ އެވެ. މި ވިލާތަކަކީ މިތަނަށް އަންނަ މީހާއަށް ފަސޭހަކާއެކު އުޅެލެވޭނެ މާހައުލެއް އޮންނަ ތަންތަނެވެ. މިތަނުން 19 ވިލާއަކީ މޫދު ވިލާ އެވެ. ނުވަތަ ވޯޓާ ވިލާ އެވެ. މި ތަންތަނުގައި ތިބޭއިރު އިންޑިއާ ކަނޑުގެ ރީތި މަންޒަރުތައް ފެންނާނެ އެވެ. ދެ ބުރި އަށް ވާގޮތަށް ހަދާފައި ހުންނަ މޫދުގެ މި ވިލާތަކުގައި ތިބޭއިރު މި ރަށުގެ ހައުސްރީފް ނުވަތަ ފަރު ރީތިކޮށް ފެނެ އެވެ. މިތަނުން ފެންނަ އެންމެ އަޖައިބު ކުރުވަނިވި މަންޒަރަކީ ކޯމަސް ފުމޭތަން ކައިރިން ފެނުމެވެ. އެ ކޯމަސްތައް ވައިގެ ތެރޭގައި ފަހަތަށާއި ކުރިއަށް ބުރުއަޅާ މަންޒަރު ބަލައި ފޫހި ނުވާނެ އެވެ. މި މަންޒަރު އެންމެ ރީތިކޮށް ފެންނާނީ މިތަނުގެ ސުވިމިން ޕޫލްގައ އޮންނަ މީހާ އަށެވެ. މި ރެސިޑެންސު ވިލާތައް ފަރުމާކޮށްފައިވަނީ ހާއްސަ ޓެރަސް އެއް ހިމަނައިގެންނެވެ. މިތަން ހާއްސަވަނީ "ތަރިތަކާއާއެކު ނިދައިލަން" ބޭނުންވާ މީހުންނަށެވެ.

މި ޑެކް މަތީގައި އޮންނައިރު ހުރަކާ ނުލައި އުޑުން އޮއްސި އުދަވާ ތަރިތައް ހާމަ އަށް ފެނެ އެވެ. ރާއްޖޭގެ ސާފު ޖައްވުގެ ރީތި ކުލަތައް ފެނެ އެވެ. އަދި މިތަނުގެ މަތީގައި ޕްރައިވެޓް ބާބެކިއު ހަދާލެވޭނެ އެވެ. އަދި ބީޗުގައި ހަދާފައިވާ ވިލާތަކުގައި ވެސް ހާއްސަ ޕްރައިވެޓް ސުވިމިން ޕޫލް ހުރެ އެވެ.


ބީޗު ވިލާ ނަގާ ގެސްޓް މީހާއަށްވެސް ޕްރައިވެޓް ޕޫލް ލިބެ އެވެ. އަދި ޕްރައިވެޓް ޓެރަސްއާއެކު ފުލް ޕްރައިވެސީ އޮވެ އެވެ. މީގެ އިތުރުން ބީޗް ވިލާ އާއި ވޯޓާ ވިލާތަކުގައި ވެސް ޕްރައިވެޓް ޓެރަސް ހިމަނާފައިވެ އެވެ. އަދި ފާހާނާގައި އެންމެ މަތީ ފެންވަރުގެ ހިދުމަތާއެކު އިންޑޯ އާއި އައުޑްޑޯގައި ފައްކާކޮށްފައި ވެއެވެ.

އާދައިގެ ސްޕާއެއް ނޫން

ކޮންމެ ރިސޯޓެއްގައި ވެސް ސްޕާ ހުރެ އެވެ. އެކަމަކު މި ރަށުގެ މި ސްޕާ މުޅިން ތަފާތުވާނެ އެވެ. ސްޕާ ކައުންޓަރާއި ސްޕާގެ ކޮޓަރިތައް ވަކިން ފަރުމާކޮށްފައިވާ މިތަން ހެދުމުގައި ވެސް އެންމެ ހާއްސަ ކަމެއް ދީފައިވަނީ ޕްރައިވެސީ އަށެވެ. ސްޕާ އިން ޓްރީޓްމަންޓެއް ނަގަން އަންނަ ދެ މީހަކަށް ނުވަތަ އެކަމަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ ގޮތަށެވެ.

ސްޕާ އިން ދޭ ހިދުމަތްތައް ދައްކާލަމުން މެނޭޖަރު ނީނާ ވިދާޅުވީ ދެ މީހުންނަށް ސްޕާގެ ހިދުމަތް ހޯދޭ ގޮތަށް މިތަން ފަރުމާކޮށްފައިވަނީ ޓޫރިސްޓުންނަށް އަރާމާއި ޕްރައިވެސީ އިހުސާސް ކުރެވޭ ގޮތަށް ކަމަށެވެ.

މި ސްޕާގައި ބޭނުންކުރަނީ "ލަކްސް" ގެ ހާއްސަ ޕްރޮޑަކްޓްތަކެވެ. މިތަނުގެ އެންމެ ހާއްސަ އެއް ކަމަކީ ސްޕާގެ ތެރޭގައި ހަދާފައިވާ ހާއްސަ ޝަވަ ކޮޓަރި އެވެ. ގެސްޓް މީހާއަށް ވަކިން ވަދެ ފެންވަރާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިތަނުގެ ފެންމާގަނޑުތައް ފަރުމާކޮށްފައިވަނީ ފެންތިކިތައް ވަކި ޕްރެޝަރެއްގައި ކޮނޑުމައްޗަށް ފައިބާ ގޮތަށެވެ. މީގެ ސަބަބުން މީހާއަށް އަރާމުކަމުގެ އިހުސާސް ކުރެވޭނެ އެވެ.

ލަގްޒަރީ ޔޮޓް: މޫދު ކުޅިވަރު ނަން ހުސްކޮށް

މި ރިސޯޓުން ލަގްޒަރީ ޔޮޓް ޗާޓަރުކޮށްދެ އެވެ. މިތަނަށް އަންނަ ޓޫރިސްޓުން ބޭނުން ވަގުތަކުން ދުއްވާލަން ދެވޭ ގޮތަށް ހާއްސަ ޔޮޓެއް އޮވެ އެވެ. އަދި މޫދު ކުޅިވަރުތަކުގެ ހުރިހާ ބާވަތެއް ލިބެން ހުރެ އެވެ. ސެމީ ސްބެމެރިން އިން ފެށިގެން ޖެޓްސްޕީ އާއި ފްލައިބޯޑިން ފަދަ ހިދުމަތްތައްވެސް ލިބެން ހުރުމަކީ ހާއްސަވާ ކަންތައްތަކެކެވެ. އަދި މި ހުރިހާ ކުޅިވަރެއް ވެސް އެމީހަކު ހުރި ވިލާއެއްގެ ކައިރީގައި ކުޅެލެވޭނެ އިންތިޒާމު ހުރެ އެވެ.

ކެއުންތަކުގެ ތަޖުރިބާ

މިތަނުގައި މެއިން ދެ ރެސްޓޯރެންޓް ހުރެ އެވެ. މީގެ އިތުރުން ސްނެކްސް އާއި ބުއިންތައް ލިބޭ ތަނެއްވެސް ހިމެނެ އެވެ. މި ތަންތަނުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ކެއުންތައް ލިބެން ހުރުމަކީ މިތަނަށް އަންނަ މީހުންނަށް އޮތް އެންމެ ބޮޑު އުފަލެވެ. ހާއްސަކޮށް މި ކެއުންތަކުގެ ރަހަ ހެޔޮވަރު ކުރަން ތިބީ ތަޖުރިބާކާރު ޝެފުންނެވެ. އަދި ހިދުމަތް ދޭން ތިބީ ތަޖުރިބާހުރި ދިވެހިންނެވެ.

ގިނަ ދިވެހި މޫނުތަކާއި ތަޖުރިބާކާރު މެނޭޖަރު

ރިސޯޓު ހިންގުމުގެ މުގުލުގައި ހުންނެވީ ޓޫރިޒަމް ސިނާއަތުގައި 30 އަހަރު އުޅެ، ތަޖުރިބާ ހޯއްދަވާފައިވާ މެނޭޖަރު ޖޯން ރޮޖާ އެވެ. އަދި ސީއޯއޯއަކީ ރާއްޖޭގެ ޓޫރިޒަމްގައި ހިދުމަތް ކުރައްވާތާ 19 އަހަރުވެފައިވާ ޑޮމެނިކް އެވެ. ދެން އެންމެ އިސްކޮށް ހުންނަވަނީ ރިސޯޓުގެ ކޮލިޓީ ޔަގީންކޮށްދިނުމާއި މުވައްޒަފުން މަތީ ފަންތީގެ ހިދުމަތް ތައްޔާރު ކޮށްދެއްވާ ހުސެއިން އަފީފް ނުވަތަ "ލަކްސް އަފީފް" އެވެ. އަދި މެނޭޖަރުންގެ ގޮތުގައި ގިނައިން ތިބީ ދިވެހިންނެވެ.

ރިސޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ސީއޯއޯ ޑޮމެނިކް ވިދާޅުވި ގޮތުގައި ރިސޯޓުން ބޭނުންވަނީ ގިނަ ދިވެހިންނާއެކު ހިދުމަތް ކުރިއަށް ގެންދަން ކަމަށެވެ.

"މިހާރު ވެސް 55 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން. އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހިންގެ އަަދަދު ވާނީ އިތުރު،" ޑޮމެނިކް ވިދާޅުވި އެވެ

އެހެން ރިސޯޓުތައް ހުޅުވަނީ ހަވާއެރުވުމާއި ބޮޑު ޕާޓީއަކުންނެވެ. ނަމަވެސް މި ރިސޯޓު ހުޅުވިގެން ދިޔައީ ވަރަށް ސިމްޕަން ގޮތަކަށެވެ. ހުޅުވުމުގެ ކުރިން ފުރަތަމަ ރިސޯޓަށް ގެނައީ ދުނިޔޭގެ އެކި ގައުއުމުތަކުގެ ބްލޮގަރުންނެވެ. ނަތީޖާ މިހާރު ފެންނަން ފަށަފި އެވެ. ރިސޯޓު ހުޅުވިތާ މަހެއް ނުވެ އެވެ. އަންނަ މަހުން ފެށިން 67 ޕެންޓް ހައުސް ފުރޭނެ އެވެ. އެއްފަހަރާ 200 ޓޫރިސްޓުން މިރަށުގައި އޭރު ތިބޭނެ އެވެ. ހަމަ ގައިމުވެސް އެމީހުން ވެސް މި ރިސޯޓުގައި ހޭދަކުރާނީ ފޫހިކަމެއް ނެތި އެވެ. އެ މީހުންނަށް ވެސް ލިބޭނީ ހިތްހަމަ ޖެހުމާއި އުފަލެވެ. އަރާމާއި ކަމޭހިތުމެވެ.