މޯލްޑިވިއަން

މޯލްޑިވިއަންގެ ޕައިލެޓުން މާދަމާ އިހްތިޖާޖަށް ކުރަން ނިންމައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުން މާދަމާ އިހްތިޖާޖު ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަންގައި މަސައްކަތްކުރާ ޕައިލެޓަކު ނަން ނުޖަހާގޮތަށް "އަވަސް"އަށް ބުނީ، މާދަމާ އިހްތިޖާޖު ކުރަން ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން އެ މަގާމުން ވަކިކުރަން ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާ އެމަގާމުން ދުރުކުރުމަށް ޕައިލެޓުން އަދި ބައެއް އެހެން މުވައްޒިފުން އެދެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އަމީން އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. އަދި އޭރު މަގާމުގެ ނުފޫޒު ބޭނުންކޮށް އޭނާ އެކި ކަންކަން ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެ އެވެ.

"އަވަސް" އަށް އިތުރު މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސް ބައެއް ޕައިލެޓުން ވަނީ އިހްތިޖާޖު ކޮށްފަ އެވެ. ނަމަވެސް މާދަމާ ކުރަން ނިންމާފައިވާ އިހްތިޖާޖުގައި ގިނަ އަދަދެއްގެ ޕައިލެޓުން ބައިވެރިވާނެކަމަށް ބެލެވޭކަމަށް މައުލޫމާތު ދިން ޕައިލެޓް ބުންޏެވެ. އަދި މިކަމުގެ ސަބަބުން ފުލައިޓް އޮޕަރޭޝަންތަކަށް ބުރޫ އެރުންވެސް އެކަށީގެންވެ އެވެ.