މޯލްޑިވިއަން

ޕީޕީއެމްއިން މޯލްޑިވިއަންއަށް 3.8 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނަށް ކުރި ދަތުރުތަކަށް ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ނުދައްކާ ހުރި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ، 15 ދުވަހުގެ ތެރޭގައި އެ އެއާލައިންއަށް ދައްކާ ހަލާސްކުރުމަށް ޕީޕީއެމްގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.

މޯލްޑިވިއަންއިން އެ ފައިސާ ހޯދުމަށް ހުށަހެޅި އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، 3.8 މިލިއަން ރުފިޔާ އަކީ ޕީޕީއެމްއިން މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާކަމަށް އެ ޕާޓީއިން ވެސް ޝަރީއަތުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އިލެކްޝަންސް އިން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ އެ ފައިސާ ދެއްކުން މަޑު ޖައްސާލުމަށް ޕީޕިއެމްއިން ޝަރީއަތުގައި އެދިފައިވީ ނަމަވެސް، މޯލްޑިވިއަންއަކީ އާމްދަނީއަށް ބަރޯސާވެގެން ހިންގާ މުހިންމު ހިދުމަތެއް ދޭ ކުންފުންޏަކަށް ވާތީ އާއި އެ ފައިސާ ދެއްކުން މިހާރުވެސް ދިގުލައިގެން ގޮސްފައި ވާތީ، 3.8 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ޕީޕީއެމްއިން އެ އެއާލައިންއަށް ދެއްކުމަށް އަންގާ ކަމަށް ވެސް ކޯޓްގެ ހުކުމުގައިވެ އެވެ.

ރިޔާސީ އިންތިހާބު ނިމުނު ފަހުން ހާމަވި ގޮތުގައި، ޕީޕީއެމްއިން ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭ ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 4.8 މިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ. އެކަން ހާމަވުމާ އެކު، ޕީޕީއެމްއިން ވަނީ އެއް މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފަ އެވެ. އެހެން ނަމަވެސް ބާކީ ފައިސާ ހޯދުމަށް އެކި ފަހަރު މޯލްޑިވިއަން އިން މަސައްކަތް ކުރި ނަމަވެސް އެ ޕާޓީއިން އޮތީ ފައިސާ ނުދައްކަ އެވެ.