މޯލްޑިވިއަން

ޕީޕީއެމްގެ ދަތުރުތަކަށް މޯލްޑިވިއަންއަށް 3.8 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަށް

Dec 13, 2018
3

ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނަށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދައްކައިގެން އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ކެމްޕޭނަށް ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާއިން ނުދައްކައިގެން މޯލްޑިވިއަން އިން ވަނީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭ ފައިސާގެ ތެރެއިން އެ އަދަދު އުނިކޮށް މޯލްޑިވިއަންއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެގޮތަށް ފައިސާ އުނިކޮށް ދެވެން ނެތް ކަމަށް މޯލްޑިވިއަންއަށް އަންގައިފަ އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއެއްގައި މޯލްޑިވިއަންގެ އެމްޑީ، މުހައްމަދު ރިޒްވީ ވިދާޅުވީ 4.8 މިލިއަން ރުފިޔާގެ ތެރެއިން ޕީޕީއެމްއިން މީގެ ކުރިން ވަނީ އެ ކުންފުންޏަށް އެއް މިލިއަން ރުފިޔާ ދައްކައިފަ އެވެ. އަދިވެސް ޕީޕީއެމްއިން އެ ކުންފުންޏަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ރިޒްވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހޯދަން ޕީޕީއެމްއާ އެކު އެކި ފަހަރު ކުންފުނިން މަސައްކަތް ކުރި ނަމަވެސް އެ ފައިސާ ނުދައްކާ އޮތް ކަމަށެވެ. އެހެންވެ، އެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާއަށް ދިޔުމަށް ކުންފުނިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާގެ ތެރެއިން އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިޔުމަށް ކަމާ ބެހޭ ކުންފުނީގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރައްވަމުން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މޯލްޑިވިއަންއަށް ސިޔާސީ ނުފޫޒު ވަންނަން ފުރުސަތު ނުދެއްވާނެ ކަމަށާއި މޯލްޑިވިއަން މަސައްކަތް ކުރާނީ ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި ވިޔަފާރީގެ އެންމެހާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ރިޒްވީ ވިދާޅުވީ ސަރުކާރުން ވެސް އޮތީ އެފަދަ ރޫހެއްގައި ކަމަށާއި ވިޔަފާރީގެ އުސޫލުތަކުގެ ތެރެއިން ކުންފުނި ހިންގުމަށް ލިބެންޖެހޭ އެއްބާރުލުން ސަރުކާރުން ލިބެމުން އަންނަ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ކުންފުނި ހިނގާފައިވާ ގޮތް ބެލުމަށް ހާއްސަ އޮޑިޓެއް މޯލްޑިވިއަންގައި ވެސް ކުރަމުން އަންނަ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި އޮޑިޓާ ގުޅިގެން އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް ކުންފުނިން އަޅާނެ ކަމަށާއި ކުންފުނި ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.