ކުޅިވަރު

ޓީސީ މޮޅުވިއިރު، ކީޕަރު މާހީ ވިކްޓަރީ ދިފާއުކޮށްފި

ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި، ށ. ފޯކައިދޫ ސްޕޯޓްސް ކުލަބުން، ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޓީސީން ފަހަތުން އަރައި 3-2 މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ގުރޫޕް، އޭ ގެ ދެ ވަނަ މެޗުގައި، ދަ ގްރޭންޑް އަމިގޯސް ނިއު ޖެނަރޭޝަން އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މެޗުން ވިކްޓަރީއަށް ޕޮއިންޓެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު މާހީ އަބްދުﷲ އެވެ.

ޓީސީ އާއި ފޯކައިދޫގެ މެޗުގައި، މެޗުގެ ވަރަށް ކުރީ ކޮޅު ފޯކައިދުއިން ލީޑް ނެގި އެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓްގައި ހަސަން ނަޒީމް ފޯކައިދޫއަށް ލީޑް ނަގައިދިނެވެ. ފޯކައިދޫއަށް މައްސަލަ ކުރިމަތިވީ، އެ ޓީމުގެ ކީޕަރު އަބްދުސާދު އާދަމްއަށް މެޗުގެ 19 ވަނަ މިނެޓްގައި ރަތް ކާޑު ދެއްކުމުންނެވެ.

ފޯކައިދޫގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ނަޒީމް އެވެ. ދެ ވަނަ ހާފަށް ޓީސީން ނިކުތީ ތަފާތު ރޫހެއްގަ އެވެ. މެޗުގެ ކުރީކޮޅު ޓީސީ ވަނީ ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޓީސީގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، އައްޒާމް އަބްދުﷲ 'އެޑޫ' އެވެ. އޭގެ ދެ މިނެޓް ފަހުން، މުހައްމަދު ޖުމާން އަހްމަދު ވަނީ ޓީސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓް ޓީސީން ވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 82 ވަނަ މިނެޓްގައި އެ ޓީމުގެ ނިޝާމް މުހައްމަދު ރަޝީދަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އެވެ. އެހެންނަމަވެސް ޓީސީ މޮޅުވުމަކަށް ހުރަހެއް ނޭޅުނެވެ. މެޗުގެ 86 ވަނަ މިނެޓްގައި، ޖުމާން ވަނީ ލަނޑު ކާމިޔާބު ކޮށްދީ ލީޑް ނަގާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވޮނީ އޭނާ އެވެ.

ގްރޭންޑް އަމިގޯސް އާއި ވިކްޓަރީ ކުޅުނު މެޗުގައި، ގްރޭންޑް އަމިގޯސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީން، ގްރޭންޑް އަމިގޯސް މޮޅުވާން ލިބުނު ރަނުގެ ފުރުސަތަށް ހުރަސް އެޅީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިކްޓަރީގެ ގޯލްކީޕަރު މާހީ އަބްދުﷲ އެވެ.

ގްރޭންޑް އަމިގޯސްގެ ސާއިމް ފޮނުވާލި ޕެނަލްޓީ، މާހީ ވަނީ ޑައިވްކޮށް ދިފާއު ކޮށްފަ އެވެ.

ފޮޓޯތައް: ހާފް ކޯޓް މޯލްޑިވްސް