ކުޅިވަރު

ހާލަތު ގޯހުން ގޯހަށް، ދެ ކޯޗުން އެއްފަހަރާ އިސްތިއުފާ

ދެ ކުލަބުގެ ހާލަތު ދަށަށް ދިއުމުން ޓީސީގެ ކޯޗް މުހައްމަދު އާތިފް (އާތީ) އާއި ވިކްޓާރީގެ ކޯޗް މުހައްމަދު އާދަމް އާ ދެ ކޯޗުންގެ މަގާމުން އެއްފަހަރާ އިސްތިއުފާ ދީފި އެވެ.

އާތީ އިސްތިއުފާ ދިކަން ކަށަވަރު ކުރުމަށް އޭނާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާ ދީ، ޓީސީއަށް ފޮނުވި ސިޓީގެ ކޮޕީއެއް އަވަސް އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ކުޅުންތެރިންގެ ކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުން ތަކާ ހެދި އެ ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރު ކުރަމުން އަންނާތީ ސީނިއާ މެނޭޖުމެންޓާ އެ ވާހަކަ ދެއްކުމަށް އެކިފަހަރުމަތިންވެސް މަސައްކަތް ކޮށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އަދި ހާލަތު އެގޮތަށް އޮތުމަކީ އެކަށީގެންވާ ޕްރެކްޓިސްތަކެއް ކުރެވޭނެ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ސިޓީގައި ބުނެފައި ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ޓީސީއަށްވެސް މާލީ މައްސަލަތައް ކުރިމަތިވެ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭނެ ހާލަތަކަށް ކުލަބު ވަނީ ވެއްޓިފަ އެވެ.

އާތީގެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ، އެ ސިޓީއަކީ އިސްތިއުފާ ދިނުމުގެ 15 ދުވަސް ކުރިން ކުލަބަށް ދޭން ޖެހޭ ނޯޓިސް ކަމަށެވެ. ޓީސީގެ ކޯޗް ކަމާ އާތީ މިއަހަރު ހަވަލުވީ މިދިޔަ ދެ އަހަރު ގައުމީ އަންހެން ޓީމުގެ ހެޑްކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެވެ. އަންހެން ގައުމީ ޓީމުން ހޯދި އިންޓަނޭޝަނަލް ފުރަތަމަ މެޑަލް ހޯދީ އާތީގެ ކޯޗު ކަމުގަ އެވެ.

ވިކްޓަރީ އާއި ޔުނައިޓަޑް ވިކްޓަރީއަށް ވެސް ކުރިން ކޯޗް ކޮށްދިން އާތީ ވަނީ ޔޫވީ އާއެކު ދިވެހި ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމު 2016 ވަނަ އަހަރު ހޯދާފަ އެވެ. އަދި އެ އަހަރު ވަރުގަދަ މާޒިޔާ ބަލިކޮށް އެފްއޭ ކަޕްުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.

ވިކްޓަރީގެ ކޯޗް ކަމުން މުހައްމަދު އާދަމް އިސްތިއުފާ ދިން ކަން އޭނާ ވަނީ ކަށަވަރު ކޮށްދީފަ އެވެ. ވިކްޓަރީގެ ހާލަތު ގޯސް ކަމަށް ކުރިންވެސް މީޑިއާގައި ތަކުރާރުކޮށް ހާމަ ކުރި، މުހައްމަދު މިރޭ ބުނީ މިހާރުގެ ހާލަތު ކުރިއަށް ވުރެ ގޯސް ކަމަށާއި މެނޭޖުމެންޓުން ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.

އޭނާ ފޮނުވި އިސްތިއުފާގެ ސިޓީގައި މުހައްމަދު ބުނެފައި ވަނީ، މުޅިން ޒުވާން ޓީމަކާއެކު ވިކްޓަރީން ސީޒަނަށް ކުރިމަތިލީއިރު ސީނިއާ ފަސް ކުޅުންތެރިންގެ އިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް ދޭނެ ކަމަށް މެނޭޖުމެންޓުން އޭނާގެ ގާތުގައި ބުނެފައިވީ ނަމަވެސް ސީޒަން ފެށިގެން ކުރިއަށްދާއިރުވެސް އެއިން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ އިތުރަށް ކެއުމަށް ދޭން ޖެހޭ ކޮއްތު ފައިސާވެސް ކުޅުންތެރިންނަށް ބާރާބަރަށް ދެމުން ނުގެންދާކަން މުހައްމަދު ފާޙަގަ ކޮށްފައި ވެއެވެ. އެކަމުގެ ސަަބަބުން ކުޅުންތެރިން ޕްރެކްޓިހަށް ނުކުތުން މަޑުޖެހި ޕްރެކްޓިހަށް ހާޒިރުވާ އަދަދު ދެތިން ކުޅުންތެރިންނަށް މަދުވެފައިވާ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

ޓީސީ އާއި ވިކްޓަރީގެ ކޯޗުންވެސް މަގާމުން އިސްތިއުފާ ދިނީ އެ ދެ ކުލަަށް ކުރިމަތިވެފައިވާ މާލީ ސަބަބުތަކާހެދި ޓީމުގެ ހާލަތު އިތުރަށް ދަށަށް ދިއުމުން ކުޅުންތެރިންގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތެއް ނެތުމުންނެވެ.