ޓީސީ

ކޯޗުގެ މަގާމަށް ޓީސީއިން އާތީއާއެކު އެއްބަސްވެއްޖެ

ޓީސީ ސްޕޯޓްސް ކުލަބުގެ ހެޑްކޯޗުގެ މަގާމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗް މުހައްމަދު އާތިފް 'އާތީ' ހަމަޖެއްސުމަށް އޭނާއެކު އެ ކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޓީސީގެ ކޯޗު ކަމާ ރަސްމީކޮށް އާތީ ހަވާލުވާނެ ކަމަށް ބެލެވެނީ، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ އަންހެން ފުޓްބޯޅަ މުބާރަތަށް ފަހު އެވެ. ޓީސީގެ ވައިބާ ގުރޫޕް 'ދަ ލަޔަންސް' ގުރޫޕްގައި ހިމެނޭ މެންބަރަކު އަވަސްއަށް ބުނީ، އެ ގުރޫޕަށް ވެސް އާތީ މިހާރު ވައްދާފައިވާ ކަމަށެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހު، 12 އިން 22 ށް ނޭޕާލްގަ އެވެ. އަންހެން ގައުމީ ޓީމުގެ ކޯޗް ކަމާ އާތީ ހަވާލުވީ 2017 ވަނަ އަހަރު ކުރީ ކޮޅު އެވެ. އޭގެ ކުރިން އޭނާ ހުރީ ޔުނައިޓަޑް ވިކްޓަރީގެ ކޯޗު ކަމުގެ މަގާމުގަ އެވެ.

ޔުނައިޓަޑް ވިކްޓަރީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރަން ފެށީ، 2016 ވަނަ އަހަރު އާތީގެ ކޯޗު ކަމުގެ ދަށުންނެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އެ އަހަރު އެކުލަބުން ރަނގަޅު ނަތީޖާތަކެއް ހޯދި އެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް ޔުނައިޓަޑް ވިކްޓަރީ ގެންގޮސްދިނެވެ. އެ އަހަރު އެފްއޭ ކަޕް ކްއާޓާ ފައިނަލުން ވަރުގަދަ މާޒިޔާ ކަޓުވާލީވެސް ޔުނައިޓަޑް ވިކްޓަރީ އެވެ. އެ އަހަރު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މޮޅު ކޯޗުގެ އެވޯޑަށް އާތީ ނޮމިނޭޓްވި އެވެ.

އަންހެން ގައުމީ ޓީމާއެކު މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގެ ލޯ މެޑަލް ރާއްޖެއަށް ހޯދައިދިނެވެ. އެއީ ގައުމީ އަންހެން ޓީމުން ހޯދި ފުރަތަމަ މެޑަލް އެވެ.

ޓީސީގެ ކޯޗުގެ މަގާމު ހުސްވީ، މިދިޔަ ތިން އަހަރު އެ ކުލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި ކޯޗް މުހައްމަދު ނިޒާމްއާއެކު އެއްބަސްވުމަކަށް ނާދެވުމުންނެވެ. ނިޒާމްގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ ޑިވިޝަންގެ ދެ މުބާރާތް ފިޔަވައި އެހެން ހުރިހާ މުބާރާތެއްގައި ޓީސީ ވަނީ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިފަ އެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޓީސީއަށް ހޯދައިދިނެވެ. އަދި 2016 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ތީސީން ހޯދި އެވެ. އެއީ ކޮމްޓީޝަން ފޯމެޓަށް ބޭއްވި ބޭރުގެ މުބާރާތަކުން ިވެހި ކުލަބެއް ހޯދި ފުރަތަމަ ކާމިޔާބެވެ. ނިޒާމްއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކޯޗެވެ.