ގުރޫޕް އޭ ގެ އެންމެ ފަހު މެޗުގައި، ދަ ގްރޭންޑް އަމީގޯސް ނިއު ޖެނަރޭޝަންގެ މައްޗަށް، 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މުބާރާތުގައި ވާދަ ކުރާ ޓީސީއަކީ، މި ފަހަރުގެ މުބާރާތުން ސެމީގެ ޖާގަ ކަށަވަރު ކުރި ފުރަތަމަ، ޓީމެވެ. އެ ގުރޫޕުން، ސެމީއަށް ދިއުމުގެ ފުރުސަތު ވިކްޓަރީ އާއި ގްރޭންޑް އަމީގޯސްއަށް ވެސް އެބަ އޮތެވެ. އެ ދެ ޓީމުވެސް މަޑު ކުރަން ޖެހޭނީ، ގުރޫޕްގެ ފަހު މެޗުގައި، ވިކްޓަރީ އާއި ށ. ފޯކައިދޫ ކުޅޭ މެޗަށެވެ.
ރޭ ކުޅުނު މެޗުގައި، ޓީސީގެ އަކުމަލް މުހައްމަދު ވަނީ ހެޓްރިކް ހަދާފަ އެވެ. މެޗުގެ 19 ވަނަ މިނެޓްގައި، ޓީސީއަށް ގްރޭންޑް އަމީގޯސްގެ ގޯލް ހުޅުވައި ދިނީ ޒަޔާން ނަސީރެވެ. ޓީސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް، އަކުލަގެ ގޯލް އެކައުންޓު އޭނާ ހުޅުވީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ.
އޭގެ ދިހަ މިނެޓް ފަހުން، އޭނާ ވަނީ ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި، އައިމަން ތައުފީގް ވަނީ ގްރޭންޑް އަމީގޯސްގެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަކުމަލް ހެޓްރިކު ފުރިހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓްގަ އެވެ.
ގުރޫޕް، ބީ ގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ، މާޒިޔާ އާއި ކުލަބު އޭދަފުއްޓެވެ. މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ، ކުލަބު އީގަލްސް އާއި ޔުނައިޓަޑް ވިކްޓަރީގެ ނަމުގައި ވާދަ ކުރާ، ނިއު ރޭޑިއަންޓްގެ ޒުވާން ޓީމެވެ. ނިއު ރޭޑިއަންޓްގެ ނަމުގައި އެ ޓީމަށް ވާދަ ނުކުރެވުނީ، މުބާރާތް ކައިރިވެފައި ވަނިކޮށް، ފުޓްބޯޅައިގެ ހުރިހާ ހަރާކަތްތަކުން ނިއު ސަސްޕެންޑް ކުރުމުންނެވެ.
އެ ކުލަބު ސަސްޕެންޑް ކުރީ، ސީނިއާ ޓީމުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.