މާރިޔާ އަހުމަދު ދީދީ

ހުވާގެ މަތިން ސިފައިން އަބަދު ހަނދާން ކުރަންޖެހޭނެ: މިނިސްޓަރު

Feb 9, 2019
9

ސިފައިންގެ މީހަކަށްވުމަށް ކުރާ ހުވާގެ މަތިން އަބަދުވެސް ހަނދާން ބެހެއްޓުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދި ވަޑައިގެންފި އެވެ. އެކަމަނާ މި މޭރުމުން އެދި ވަޑައިގެންނެވީ ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިނަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ޝަރަފުވެރި ކޮށްދެއްވައި ވާހާކަފުޅު ދައްކަވަމުންނެވެ.

ސިފައިންގެ އަސްކަރީ ރަށް، ގިރިފުށީގައި މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތު މިނިސްޓަރު ވިދާޅުވީ ދަސްވެނިވެގެން ސިފައިންގެ އަމަލީ މައިދާނަށް ނުކުންނަ އިރު، ސިފައިންގެ މީހަކަށްވުމަށް ކުރި ހުވާގެ މަތިން އަބަދުވެސް ހަނދާން ބެހެއްޓުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި އަމަލީ މައިދާނުގައި ސިފައިން ކުރަންޖެހޭ މަސައްކަތްތަކަކީ ކުޑަ މަސައްކަތްތަކެއް ނޫން ކަމަށާއި ސިފައިންނާއި މަތިކުރެވިފައިވާ، މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއެކު އަޒުމް ވަރުގަދަ ބައެއްގެ ގޮތުގައި ފަސް ނުޖެހި ދެމިތިބުމަށް އަދި ވަޑައިގަންނަވާ ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ ވެސް ޑިފެންސް މިނިސްޓަރެވެ.

ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަހުމަދު ޝައިހާން ޖަލީލެވެ. އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައި މޭޖާ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު ހިޝާމެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑާ އިސްމާއީލް ދީދީގެ އެވޯޑްވެސް ޕްރައިވެޓް އަޙްމަދު ހިޝާމެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށްދޭ ކޮމާންޑާ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ހުސައިން އާދަމް ހޯދާފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖާ ރިޓަޔާޑް ޙުސައިން ޝާކިރުގެ އެވޯޑް ހޯދާފައި ވަނީ ޕްރައިވެޓް ސާމިހު މުޙައްމަދެވެ. އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް އައިޝަތު ޝަހުމާ އެވެ.