ކުޅިވަރު

އަނެއްކާވެސް އީގަލްސް އާއި ޓީސީގެ ފައިނަލެއް!

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަހަރު އީގަލްސް އާއި ޓީސީ ވާދަ ކުރަން ޖެހިއްޖެ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން މުބާރާތުގައި ވާދަކުރަން ފެށި ޓީސީ ވަނީ މީގެކުރިންވެސް ފައިނަލުގައި އީގްލްސްއާ ދެކޮޅަށް ނިކުމެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ފައިނަލުގައި ޓީސީއާ ވާދަކޮށް އީގަލްސް މޮޅުވީ 5-3 ންނެވެ. މިއީ އޭގެ ފަހުން ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ވާދަ ކުރާ ފުރަތަމަ އަހަރެވެ. ޓީސީ ފައިނަލަށް ދަތުރު ކުރީ، އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރިޓްގެ މައްޗަށް 2-1 ން ކުރި ހޯދުމަށް ފަހު އެވެ.

އިއްޔަ ހަވީރު ކުޅުނު މެޗުގައި، ޓީސީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، ޒަޔާން ނަސީރު އެވެ. މެޗުގައި ގްރީންގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލި ކަމެވެ. ކުރިން ދެ މެޗުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޔާމީންގެ ފަރާތުންވެސް ފެނުނީ ވަރުބަލި ކަމަވެ. ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި، އޭނާ ވަނީ ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. ގްރީންގެ ލަނޑު ކާމިޔާބު ކުރީ، ހަސަން ލަވާހް އެވެ.

ޔޫތު ޗެމްޕިއަންޝިޕް މިލުކު ކުރުމުގެ ޝަރަފު ހާސިލު ކުރި ހަމައެކަނި ޓީމަކީ އީގަލްސް އެވެ. މިދިޔަ ހަތަރު އަހަރު ތެރޭގައި އެ ޓީމު ވަނީ، މުބާރާތުގެ ހުރިހާ ފައިނަލެއްގައި ކުޅެފަ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލު ދެ ވަނަ މެޗުގައި އީގަލްސް ނިކުތީ ދަ ގްރޭންޑް އަމީގޯސް ނިއު ޖެނަރޭޝަން އާ ދެކޮޅަށެވެ. ކެޕްޓަން ހަސަން ރާއިފް އަހްމަދު، 'ހަންނަ' ގެ މޮޅު ކުޅުމާއެކު އީގަލްސް މެޗު ކާމިޔާބު ކުރީ 3-1 ންނެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހަސަން އަޒްމޫން އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ހަންނަ އެވެ. ގްރޭންޑް އަމީގޯސްގެ ލަނޑު ކާމިޔާބު ކުރީ، ސާއިމް މުހައްމަދެވެ.

ޓީސީ އާއި އީގަލްސް ކުޅޭ، ފައިނަލު މެޗު އޮންނާނީ އަންގާރަދުބަހުގެ ރޭ 8:30 ގަ އެވެ.