ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު ނުކުންނަވާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީއިން ތާއިދު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްއިން ތާއިދުކޮށް، ޖުމްހޫރީ ޕާޓީގެ ތާއިދު ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ޔާމީން ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްއިން ތާއިދު ކުރަނީ އެމްޑީޕީއަށް ފުރުސަތު ހަނިކުރުމަށެވެ.
ނަމަވެސް މިރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ ކަމަށާއި މަޖިލީހުގައި ކޯލިޝަން ހުރިހާ ޕާޓީތަކެއްގެ މެންބަރުން ވެސް ތިބެންޖެހޭ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ގައުމު ހަލަބޮލިކޮށް ސަރުކާރު ހިންގަން އުނދަގޫވާނެ ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީއިން ބޭނުން ވަނީ ސަރުކާރަށް މެޖޯރިޓީ ލިބުން ކަމަށާއި އެ ޕާޓީއިން ވާދަ ނުކުރާ ދާއިރާތަކުގައި ކޯލިޝަން އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއިދު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.