ކުޅިވަރު

ޓީސީ ބަލިކޮށް ޔޫތު މުބާރާތުގެ ޗެމްޕިއަން އީގަލްސް

ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔޫތު ޗެމްޕިއަންޝިޕްގެ އީގަލްސް ކާމިޔާބު ކޮށްފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް ވަނީ، މީގެ ދެ އަހަރު ކުރިން ބޭއްވި ފައިނަލުގައިވެސް ޓީސީގެ މައްޗަށް ކާމިޔާބު ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ފައިނަލުގައި އީގަލްސް އަތުން ޓީސީ ބަލިވީ 5-3 ންނެވެ.

މި އަހަރުގެ މުބާރަތަކީ، އޭގެ ފަހުން ޓީސީ މި މުބާރާތުގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލުގައި އީގަލްސްއާ ވާދަ ކުރަން ޖެހުމުން، ޓީސީ އަމާޒަކަށްވީ ދެ އަހަރު ކުރީގެ ނާކާމިޔާބު ހަނދާން ނައްތާލުމަށް ފަހު އީގަލްސްގެ މައްޗަށް ކުރި ހޯދުމެވެ. ސީނިއާ ލެވަލްގައިވެސް އީގަލްސް އާއި ޓީސީގެ ކުރިމަތިލުން ތަކަކީ ވަރުގަދަ ކުރިމަތިލުން ތަކެކެވެ.

މެޗުގެ ހަމައެކަނި ލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 33 ވަނަ މިނެޓްގައި މުހައްމަދު އަޒްމޫން އެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ، އީގަލްސްގެ ކެޕްޓަން، ހަސަން ރާއިފް އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނިގެން މޮޅު ގޯލްކީޕރަކަށް ހޮވުނީ ވިކްޓަރީގެ ކީޕަރު، މާހީ އަބްދުﷲ އެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އީގަލްސްގެ ޝައިފްﷲ އިބްރާހިމް އާއި ގްރީން ސްޓްރީޓްގެ ކެޕްޓަން އަބްދުﷲ ޔާމީން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ، ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.