ހަބަރު

އެންއައިސީގެ ރައީސް ކަމަށް އަލުން އައްޔަންކޮށްދޭން މާނިއު އެދިއްޖެ

ފުލުހުންގެ މައްސަަލަތަކެއް ބަލާނެ ކަމަށް ބުނުމުން މަގާމުން ވަކި ކުރި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ކުރީގެ ރައީސް ޔޫސުފު މާނިއު އަލުން އެ މަގާމަށް އައްޔަން ކޮށްދޭނެ އެދިއްޖެ އެވެ.

މާނިއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގަވައިދާ ހިލާފަށް މަގާމުން ވަކި ކުރި މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުގެ ޓީމަކާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ވަކި ކުރި އިރު، މަގާމުގެ މުއްދަތުގެ ބާކީ އޮތް ތިން އަހަރު ދުވަހުގެ ބަދަލު ދިނުމުގެ ބަދަލުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްގެ މަގާމަށް އަލުން އައްޔަން ކޮށްދޭން އެދި ވަޑައިގެންފައިވާނެ ކަމަށާއި، އެގޮތަށް އަމަލު ކޮށްފިނަމަ ދައުލަތަަށް މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

މާނިއު އެންއައިސީއިން ވަކިކޮށްފައި ވަނީ، ފުލުހުންނާ ގުޅޭ ގޮތުން ބޮޑު ތުހުމަތެއް ކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ. މާނިއު ވިދާޅުވެފައިވަނީ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ. ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެެއް އެންއައިސީގައި އެބަހުރި ކަމަށާއި އެ މައްސަލަތައް ބެލުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.

މާނިއު ކުރެއްވި ޓުވީޓް.

އެންއައިސީގެ ރައީސް ކަމަށް މާނިއު އައްޔަން ކޮށްފައިވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފަރުހާދު މުހައްމަދު ވަކިކުރުމަށްފަހު އެވެ. ފަރުހާދު ވެސް ކޮމިޝަނުން ވަކިކުރީ ކުއްލި ގޮތަކަށެވެ. އޭރު މާނިއު ހުންނެވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.