ވިޔަފާރި

ގޯލްޑް 100 އަށް ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަންްް ރާއްޖެއަށް

Feb 20, 2019

ހޮނިހިރު ދުވަހު އޮންނަ "ގޯލްޑް 100" ގާލާ އިވެންޓަށް ސްރީލަންކާ ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން ރާއްޖެ އަށް ވަޑައިގަންވާނެ އެވެ.

"ގޯލްޑް 100" އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ކޮލަމްބޯ ސްޓޮކް އެކްސްޗޭޖު (ސީއެސްއީ) ގެ ޗެއާމަން ރޭ އަބޭ ވަރުދަނާ ގޯލްޑް 100 އިވެންޓުގައި ބައިވެރިވެވަޑައި ގަންނަވަނީ ހާއްސަ މެހުމާނެއްގެ ގޮތުގައި ކަމަށެވެ.

ރޭ އަބޭ ވަރުދަނާއަކީ ފައިނޭންޝަލް ދާއިރާގައި މަގުބޫލު ބޭފުޅެކެވެ. ހާއްސަކޮށް ސްރީލަންކާގެ ހިއްސާގެ ބާޒާރު ވަރުގަދަ ކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވަން ބާއްވާ މި ހާއްސަ އިވެންޓު ބާއްވަނީ ހޮނިހިރު ދުވަހުގެ ރޭ، ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ. އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވާފައިވަނީ މިނިވަން ކުންފުންޏަކަށް ހަވާލުކޮށްގެންނެވެ. މި ކުންފުނިތައް ނަގާފައިވަނީ 13،500 ކުންފުނި ހިމެނޭ ލިސްޓަކުންނެވެ. މި އިވެންޓުގައި އޮންނަ އެންމެ ހާއްސަ އެއް ބަޔަކީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުގެ ގޮތުގައި ވިޔަފާރީގެ ދާއިރާއިން ދެ ފަރާތެއް ހޮވައި ދޭ ހާއްސަ އެވޯޑެވެ.

"ގޯލްޑް100" އިވެންޓުގެ މެއިން ސްޕޮންސާއަކީ ބީއެމްއެލް އެވެ. މީގެ އިތުުރުން ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ އުރީދޫ އާއި އަލްޝާލީ އަދި ހޯކްސްގެ އިތުރުން އެލައިޑް އާއި ގަތަރު އެއާވޭސް އަދި އެމް ސެވަން އެވެ. މިއީ މި އިވެންޓު ބާއްވާ ދެވަނަ ފަހަރެވެ.